ޚަބަރު

ބ އަތޮޅުގެ ފުރަތަމަ މަންޓާ ފެސްޓިވަލް ދަރަންވަންދޫގައި ބާއްވަނީ


ބ އަތޮޅުގައި ފުރަތަމަ ފަހަރަށް ބާއްވާ މަންޓާ ފެސްޓިވަލް މިއަންނަ ނޮވެންބަރު މަހުގެ 24ގައި އެއަތޮޅު ދަރަވަންދޫގައި ބާއްވަން ނިންމައިފިއެވެ.

"ދަ މަންޓާ ޓްރަސްޓު"ގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ފެސްޓިވަލަކީ ރާއްޖޭގެ ކަނޑުފަޅުތަކުގެ ދިރުމުގެ މުއްސަނދިކަމާ، މިތަންތަނުގައި އުޅޭ ދިރޭ ތަކެތި ރައްކާތެރިކޮށް ޙިމާޔަތްކުރުމާބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ކުރުމުގެ މަޤްޞަދުގައި ބާއްވާ ފެސްޓިވަލެކެވެ. އެގޮތުން މިފެސްޓިވަލުގައި ބ.އަތޮޅުގެ ސަރަޙައްދުގައި އާންމުކޮށް އުޅޭ މަޑިތަކާ އެހެނިހެން ދިރޭ ތަކެތި ރައްކާތެރިކުރުމާބެހޭ ގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކުރުވުމުގެ ޙަރަކާތްތައް ހިންގަން ހަމަޖެހިފައިވާކަމަށް "ދަ މަންޓާ ޓްރަސްޓް" އިން ބުނެއެވެ.

ބ.އަތޮޅުގެ ހުރިހައި ރަށްތަކަށާ، ސްކޫލްތަކަށް ބައިވެރިވެވޭ ގޮތައް ޢާއްމުކޮށް ހުޅުވާލައިގެން ބާއްވާ މި ފެސްޓިވަލުގެ ތެރެއިން ބ އަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ސްނޯކަލް ކުރުމަށް ފުރުޞަތުވެސް ލިބިގެންދާނެއެވެ. އަދި ޢާއްމުންނަށް ޤުދުރަތީ ދިރުންތަކާ، މިދިރުންތައް ރައްކާތެރި ކުރުވުމާބެހޭގޮތުން މިކަމާގުޅޭ ތަޖުރިބާކާރުން މައުލޫމާތުދިނުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ސަރުކާރު މުއައްސަސާތަކާ، އަމިއްލަ ޖަމްޢިއްޔާތަކާ، މިޞަރަޙައްދުގެ ރިސޯޓުތަކުގައި މަސައްކަތްކުރާ ތަޖުރިބާކާރުން މިތަނުގައި މަޢުލޫމަތުދިނުމަށް ހަމަޖެހިފައިވެއެވެ. ފެސްޓިވަލުގައި މައުލޫމަތު ޙިއްސާކުރުމުގެ ޚާއްޞަ ހަރަކާތްތަކާ، ލައިވް މިއުޒިކް ޝޯވްތަކާއި ކާބޯތަކެތި ވިއްކާ ސްޓޯލްތައްވެސް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.

މަންޓާ ޓްރަސްޓާއެކު މިފެސްޓިވަލް ރޭވުމުގައި ބައިވެރިވާ، ބ ބަޔޮސްފިއަރ ރިޒާވް އޮފީހުގެ އައުޓްރީޗް އޮފިސަރ، ޝާފީ ޢަލީ ވިދާޅުވީ މިފެސްޓިވަލުގެ ޒަރިއްޔާއިން މިޞަރަޙައްދުގެ ރަށްތަކުގެ ރައްޔިތުންނާ، ރިސޯޓުތަކުގެ މުވައްޒަފުންގެ މެދުގައި މަޑިފަދަ ދިރުންތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރާނެކަމަށެވެ.
މަންޓާ ޓްރަސްޓުގެ ފަރާތުން ފްލޮސީ ބަރައުޑް ވިދާޅުވީ ފެސްޓިވަލްގެ ތެރެއިން އެންމެ ޚާއްޞަކަމެއްގެ ގޮތުން ކުރާނީ ދަރިވަރުންނަށް ފީނަން ދޭ ފުރުޞަތުކަމަށެވެ.

މަޑީގެ ނަޞްލު ދެމެހެއްޓުމަށްޓަކާ ބައިނަލްއަޤުވާމީ ފެންވަރުގައި ދިރާސާތައް ކުރަމުންދާ އަދި މިދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިނގިރޭސިވިލާތުގެ މަންޓާ ޓްރަސްޓް ޖަމްޢިއްޔާއިން އިނތިޒާމުކޮށްގެން ބާއްވާ މި މިފެސްޓިވަލުގައި ބ.އަތޮޅުގެ ގިނަ ރިސޯޓުތަކަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ބ.އަތޮޅަކީ އާދަޔާ ޚިލާފަށް ކަނޑުގެ ޤުދުރަތީ މުއްސަދިކަން ބޮޑު ޞަރަޙައްދެއްކަމުން ޔުނެސްކޯއިން ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަޑައަޅާފައިވާ ޞަރަޙައްދެކެވެ.