ޚަބަރު

ވަރޗުއަލް ކަރަންސީގެ ވިޔަފާރި ކުރަން އެެއްވެސް ފަރާތަކަށް ހުއްދައެއް ނުދެން- އެމްއެމްއޭ


ދިވެހިރާއްޖޭގައި ވާރޗުއަލް ކަރަންސީގެ ވިޔަފާރި ކުރުމަށް އެއްވެސް ފަރާތަކަށް ހުއްދަދީފައި ނުވާނެކަމަށާ، އެއީ ޤާނޫނީގޮތުން މަނާކަމެއްކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ބުނެފިއެވެ.

މިކަމާބެހޭގޮތުން އެއޮތޯރިޓީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ކްރިޕްޓޯ ކަރަންސީ ނުވަތަ މިފަދަ ވަރޗުއަލް ކަރަންސީތައް ގަނެވިއްކުމުގެ ވިޔަފާރިކުރާކަން ބަޔާންކޮށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށް އިސްތިހާރު ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. ނަމަވެސް ވިޔަފާރި ކުރުމުގައި ކްރިޕްޓޯ ކަރަންސީ ނުވަތަ މިފަދަ ވަރޗުއަލް ކަރަންސީ ބޭނުންކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދީފައި ނުވާ ކަމަށެވެ.

މަރުކަޒީ ބޭންކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރ ކަމުގައިވާ ދިވެހި ފައިސާގެ ނޫޓާއި ފައިސާ ފޮއްޗާއި އެއްފަދަ ލިއުމެއް ނުވަތަ ނިޝާނެއް ނަމަވެސް އެ އޮތޯރިޓީ ފިޔަވައި އެހެން ފަރާތަކުން ނެރުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ލީގަލް ޓެންޑަރ ކަމުގައިވާ ދިވެހި ފައިސާގެ ނޫޓާއި ފައިސާފޮތި ކަމަށް ދޭހަވާ އެއްވެސް ބާވަތެއްގެ އެއްޗެއް ނުނެރުމަށާއި އެފަދަ އެއްޗެއް މެދުވެރިކޮށް ވިޔަފާރި ނުކުރުމަށްވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނުގެ ދަށުން، ދިވެހިރާއްޖޭގައި ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް މަނީ ރެމިޓަންސް ވިޔަފާރި އާއި މަނީ އެކްސްޗޭންޖްގެ ވިޔަފާރި ރެގިއުލޭޓްކުރަނީ އެމްއެމްއޭއިންނެވެ.