ޚަބަރު

މުމްބާއީއާއި ދީއްލީން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި


އިންޑިއާގެ އެއަރލައިނެއްކަމަށްވާ "ގޯ އެއަރ" އިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.

80 ޕަސިންޖަރުންނާއެކު ގޯ އެއަރގެ ފުރަތަމަ ފްލައިޓް ރާއްޖެ އައިސްފައިވާއިރު، މި ފްލައިޓަށް ރާއްޖެއިން މަރުޙަބާ ކިޔާފައި ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާއާއި، މޯލްޑިވްސް ސިވިލް އޭވިއޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހުސެން ޖަލީލާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއެވެ.

2005 ވަނަ އަހަރުފެށި ގޯ އެއަރއިން މިއަހަރު ބައިނަލްއަޤްވާމީ ވައިގެ ދަތުރުތައް ފަށާފައިވާއިރު، ރާއްޖެއަކީ ގޯ އެއަރއިން ދަތުރުތައް ފެށި ދެވަނަ ޤައުމެވެ. ގޯ އެއަރއިން ރާއްޖެއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މުމްބާއީއާއި ދިއްލީން ޑައިރެކްޓް ފްލައިޓްތަކެކެވެ.

ގޯ އެއަރގެ ލޯކަލް އެޖެންޓް ވޮއޭޖަސް މޯލްޑިވްސްއިން ބުނެފައިވަނީ ގޯއެއަރއިން ދުވާލަކު އެއް ދަތުރު ރާއްޖެއަށް ކުރާނެކަމަށެވެ. އަދި ނޮވެމްބަރުމަހު ބެންގަލޫރުން މާލެއަށް ދަތުރުފަށާއިރު، ހަފްތާއަކު ގޯ އެއަރގެ 10 ދަތުރު އޮންނާނެކަމަށް އެކުންފުނިން ބުނެއެވެ.

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ ގޯ އެއަރގެ ދަތުރުތައް ފެށުމާއެކު ފަތުރުވެރިން އަންނަ މިންވަރު އިތުރުވެ، 7 މިލިއަން ފަތުރުވެރިން ގެނައުުމަށް ކަނޑައަޅާފައިވާ ޢަމާޒަށް ވާސިލުވުމަށް ފަސޭހަ ވެގެންދާނެކަމަށެވެ.

"މިދިޔަ އަހަރުގެ ވިންޓަރ ސީޒަނާ ބަލާފައި މިއަހަރު ވަރަށް ބޮޑަށް ދަތުރުތައް އިތުރުކޮށްފިން. އެގޮތުން އެކި އެއަރލައިންތަކުގެ ފްރިކުއެންސީ އިތުރުކޮށް، 1000 އަށްވުރެ ގިނަ އިތުރު މޫވްމަންޓް ގެންނާނަން. މިދިޔަ ސީޒަނާއި ބަލާފައި 5 އިންސައްތައާއި 7 އިންސައްތައާއި ދެމެދުގެ ކުރިއެރުމެއް އެބައުޅޭ." އާދިލް ވިދާޅުވިއެވެ.

ގޯއެއަރގެ ލޯކަލް އެޖެންޓް ވޮއޭޖަސް މޯލްޑިވްސްއިން ބުނެފައިވަނީ ދަތުރުތައް ފަށާފައިވަނީ ހެޔޮ އަގުތަކެއްގައިކަމަށެވެ. އެގޮތުން މާލެއާއިި މުންބައީއާ ދެމެދު ޓިކެޓް 230 ޑޮލަރަށް ވިއްކާއިރު އަދި މާލެއާއި ދިއްލީއާއި ދެމެދު ދެކޮޅު ޓިކެޓްގެ އަގަކީ 260 ޑޮލަރަށްކަމަށް ވޮއޭޖަސް މޯލްޑިވްސްއިން ބުނެއެވެ.

އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަަރު ވަނީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 24 އިންސައްތަ އިތުރުވެފައެވެ.