ޚަބަރު

ޚާއްޞަ ހުއްދައެއްގެ ދަށުން ފުވައްމުލައް ސިޓީގެ ހިމާޔަތްކޮށްފައިވާ ޞަރަޙައްދުން ފަތްޕިލާވެލި ކެނޑޭގޮތައް ނިންމައިފި


ފުވައްމުލައް ސިޓީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުން ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ފަތްޕިލާވެއްޔާއި ހައި ކެނޑުމުގެ ހުއްދައަށް ވަކި ޚާއްޞަ އުޞޫލެއްގެ ދަށުން ދިނުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ނިންމައިފިއެވެ.

އެމިނިސްޓްރީން މިގޮތައް ނިންމީ "ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު"ގެ 4 ވަނަ މާއްދާގެ ދަށުން ހަދާފައިވާ "ފުވައްމުލައް ސިޓީގެ ޙިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ޤަވާއިދު" ގެ ދަށުންނެވެ.

މިނިސްޓްރީގެ މި ނިންމުމާއެކު މިއަދުން ފެށިގެން ފުވައްމުލައް ސިޓީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުން ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ފަތްޕިލާވެއްޔާއި، ހައި އެންވަޔަރަންމަންޓް މިނިސްޓްރީން ދޫކުރާ ޚާއްސަ ހުއްދައެއްގެ ދަށުން ކެނޑުމުގެ ފުރުޞަތު ޢާއްމުންނަށް ލިބިގެންދާނެއެވެ. މިޤަވާއިދުގެ ދަށުން ޙިމާޔަތްކޮށްފައިވާ ޞަރަޙައްދުގައި މިކަންކަން ކުރުމަށް ޚާއްޞަ ހުއްދަ ހޯދަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީކުރުމުގެ ފުރުޞަތު މިއަދު ހުޅުވާލާފައެވެ. އެގޮތުން ފުވައްމުލައް ސިޓީގެ ނޭޗަރ ޕާކުން މިކަމަށް ރަޖިސްޓްރީ ކުރުމުގެ ހުރިހައި އިންތިޒާމެއް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.

ހުއްދައަށް އެދުމުގެ ރަޖިސްޓްރޭޝަނުގެ މުއްދަތަކީ އެއް އަހަރު ދުވަސްކަމަށާއި، ރަޖިސްޓްރޭޝަންގެ ފުރުޞަތު ހުޅުވާލާނީ ކޮންމެ އަހަރަކު އެއްފަހަރުކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ. ބޭސްވެރިކަން ކުރާ ފަރާތްތަކައް ބޭސްވެރިކަމަށް ބޭނުންކުރާ ފަތްޕިލާވެލި ކެނޑުމަށް ހުއްދަ ދޭނީ ދިވެހި ބޭސްވެރިކަން ކުރާ ފަރާތްތަކަށް އެކަން ކުރުމަށް ދީފައިވާ ހުއްދަ ހުށައެޅުމުންކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ. އަދި އަތްތެރިކަން ކުރާ ފަރާތްތަކައް ހައި ކަނޑަން ހުއްދަދޫކުރާނީ އަތްތެރިކަން ކުރާކަމުގެ ހެކި ހުށައެޅުމުންކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.