ޚަބަރު

އިންތިޚާބާ ގުޅޭގޮތުން ހުށަހެޅި މައްސަލައިގެ ޝަރީއަތް ފަށައިފި


ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށްބުނެ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ ޝަރީއަތް ފަށައިފިއެވެ.

މިއަދު މެންދުރު އެކެއްޖެހިއިރު މި ޝަރީއަތް ފެށިއިރު ސްޕްރީމް ކޯޓުން ވަނީ މި މައްސަލައިގެ ތެރެއަށް ތަދައްޚުލް ވުމުގެ ފުރުޞަތު އިދިކޮޅު ކޯލިޝަނަށް ދީފައެވެ. މި މައްސަލައިގެ ޝަރީއަތް ފެށުމުގެ 3 ގަޑިއިރުކުރިން ގިނަ ބަޔަކު ވަނީ ސްޕްރީމް ކޯޓު ދޮށަށް އެއްވެ، ޝަރީއަތް އަޑު އެހުމަށް ވަނުމަށް މަސައްކަތް ކޮށްފައެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބާގުޅޭ ދުސްތޫރީ މައްސަލައެއް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުމަށްފަހު ޕީޕީއެމުން ބުނެފައިވަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިޚާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ފުލުހުންނަށް ހުށަހެޅުމަށްފަހު އެ މުއައްސަސާއިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

ޕީޕީއެމުން ބުނެފައިވަނީ ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓު ލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ޙީލަތް ހިމެނުމާއި، ޤާނޫނާ ޚިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ވޯޓްލާ ޖުމްލަ ނަތީޖާއަށް އުނިއިތުރު ގެންނަން މަސައްކަތްކޮށް ރީ-ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިޚާބާ ގުޅޭ އެކިއޮފިޝަލުންގެ ޢަމަލުތައް ޤަވާއިދާ ޚިލާފަށް ހުރުން ފަދަ ގިނަ ކަންކަން ހިމެނޭ ކަމަށެވެ.