ޚަބަރު

އެޗްއާރު ދާއިރާއިން ކުންފުނިތަކުގެ އަގުވަޒަންކުރުމަށް ދޭ "އެޗްއާރު އެވޯޑްސް" ދީފި


ހިއުމަން ރިސޯސްގެ ދާއިރާއިން އެކި ކުންފުނިތަށް ކޮށްފައިވާ މަސައްކަތް ފާހަގަކުރުމުގެ ގޮތުން "އެޗް.އާރު އެވޯޑްސް" ގެ ނަމުގައި ދޭ އެވޯޑު ދީފިއެވެ. ހޮޓެލް ޖެންގައި މިކަަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިންތިޚާބީ ނައިބުރައީސް ފައިސަލް ނަސީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ، ރަނގަޅު ޚިދުމަތެއް ދިނުމުގައި މުވައްޒަފުންގެ އަގުވަޒަންކުރުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި އެޗްއާރު މޯލްޑިވްސްއިން އިސްނަގައިގެން މިފަދަ އެވޯޑެއް ބޭއްވީތީ ފައިސަލް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އެޗް.އާރު މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވި މިޙަފްލާގައި އެޗްއާރުގެ ދާއިރާއިން އެންމެ ގިނަ ޓްރެއިނިންގ ހިންގާފައިވާ ފަރާތަކަށް ހޮވިފައިވަނީ ވިލާ ކޮލެޖެވެ. އެކްސެލެންސް އިން ސޯސަލް މީޑިއާ ޕީޕަލްސް ޕްރެކްޓިސްއަށް ހޮވިފައިވަނީ ޖުމެއިރާ ވިޓަވެލި ރިސޯޓާއި އޭޑީކޭ ހޮސްޕިޓަލެވެ.

ލީޑަރުން ތަމްރީންކުރުމުގެ ބައިން އެޗްއާރު އެވޯޑް ޙާސިލްކޮށްފައިވަނީ ކޮންސްޓެންސް ރިސޯޓްސް އެންޑް ހޮޓެލްސްއެވެ. އެކްސެލެންސް އިން ލާރނިންގ އެންޑް ޑިވެލޮޕްމަންޓްގެ އެވޯޑް ޙާސިލްކުރީ އަދާރަންއާއި އެމްއޭސީއެލްއެވެ.

ބެސްޓް ހެލްތް އެންޑް ވެލްނެސް އިނިޝިއޭޓިވްސްގެ އެވޯޑް ހާސިލްކުރީ އެމްޓީސީސީއާއި އެސްޓީ ރެޖިސްއެވެ. އެކްސެލެންސް އިން ލެވަރޭޖިންގ އެޗްއާރު ޓެކްނޮލޮޖީގެ އެވޯޑް ހާސިލްކުރީ އުރީދޫ މޯލްޑިވްސްއެވެ. ނެކްސް ޖެނެރޭޝަން އެންޕްލޯއިމަންޓް އިނިޝިއޭޓިވްސްގެ އެވޯޑް ހާސިލްކުރީ ދިރާގާއި ފޯ ސީޒަންސް މޯލްޑިވްސްއެވެ.

ފާއިތުވި އަހަރު ސްޓާފް ރިކްރިއޭޝަން ހަރަކާތްތައް ހިންގުމުގެ ދާއިރާއިން އެޗްއާރު އެވޯޑް ލިބުނީ ކަސްޓަމްސްއާއި ޖުމައިރާ ވިޓަވެލި ރިސޯޓަށެވެ.

އެޗްއާރު އެވޯޑް ހަފްލާގައި އެޗްއާރު މޯލްޑިވްސްއިންވަނީ ހިއުމަން ރިސޯސް މެނޭޖްމަންޓް ސިސްޓަމް ގެ ނަމުގައި އައު ސޮފްޓްވެއާއަކާއި ސީއީއޯ ޑޭ ގެ ނަމުގައި އައު ޕްރޮގުރާމެއްވެސް ތައާރަފްކޮށްފައެވެ.