ޚަބަރު

ފުވައްމުލަކުގައި ކޯސްޓަލް ކްލީންއަޕް ޑޭ ފާހަގަކޮށްފި


ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކޯސްޓަލް ކްލީންއަޕް ޑޭ ފާހަގަކޮށްފިއެވެ.

އެސިޓީގެ ދޫޑިގަން އަވަށު ބޮޑުފަންނު ޞަރަޙައްދުން ފެށި، ހޭޅިފަށް ސާފުކުރުމުގެ މިޙަރަކާތުގައި، އެރަށުގެ ޢާއްމު ރައްޔިތުންގެ އިތުރުން ރަށުގެ ސްކޫލްތަކުގެ ދަރިވަރުންނާއި ޓީޗަރުންނާއި، ސަރުކާރުގެ މުއައްސަސާ ތަކުގެ މުވައްޒަފުންވަނީ ބައިވެރިވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފުވައްމުލައް ސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރު ވިދާޅުވީ ފުވައްމުލަކުގައި މިދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ، އެސިޓީއަކީ މާކަނޑުގެ މެދުގައި އޮންނަ އަތޮޅަކަށް ވުމުން އޮޔާ ލައްގާ ކުންޏާއި، ޢާއްމު ރައްޔިތުން ހޭޅިފަށަށް އަޅާ އެކި ކަހަލަ ދަޅާއި ފުޅި ފަދަ ކުނި ނަގައި ސާފުކުރުންކަމަށެވެ.

އަދި ޚާއްސަކޮށް ސިޓީ އިރުމަތީ ޞަރަޙައްދު ސާފު މިކުރަނީ މި ޞަރަޙައްދަކީ އެންމެ ބޮޑަށް ގިރާ ޞަރަޙައްދުކަމަށްވުމުން ކަމަށްވެސް ޟިރާރު ފާހަގަކުރެއްވިއެވެ. އިންޓަނޭޝަނަލް ކޯސްޓަލް ކްލީންއަޕް ދުވަހަކީ ސެޕްޓެމްބަރ މަހުގެ 15ވަނަ ދުވަހެވެ.