ޚަބަރު

ފުވައްމުލައް ސިޓީ ނޭޗަރ ޕާރކުގެ ޚިދުމަތްތަކުން %50އިގެ ޑިސްކައުންޓެއް


ފުވައްމުލައް ސިޓީގައި ތަރައްޤީކޮށްފައިވާ ނޭޗަރ ޕާރކްގެ ޙިދުމަތް އިއްޔެ ދޭން ފަށައިފިއެވެ.

ނޭޗަރ ޕާރކު ޢާއްމުންނަށް ހުޅުވާލީ ގިނަ ޚިދްމަތްތަކަކާއެކުގައެވެ. އޭގެތެރޭގައި ކެނޯ ދުއްވުން، ޕެޑަލް ބޯޓްދުއްވެން، ގައިޑެޑް ޓުއަރ، ކުޑަކުދިން އަދި ބޮޑެތި މީހުންގެ ބައިސްކަލު ދުއްވުން ހިމެނެއެވެ. ނޭޗަރ ޕާރކުން ޚިދުމަތްދޭން ފެށީ %50 ގެ ޑިސްކައުންޓަކާއެކުގައިކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެއެވެ.

އެ އޭޖެންސީގެ އެސިސްޓެންޓް ޑިރެކްޓަރ ވިދާޅުވީ ފުވައްމުލައް ސިޓީގެ ނޭޗަރ ޕާކުންދޭ ޚިދްމަތްތަކުން ފީގެ ގޮތުގައި ނަގާ ފައިސާ ޖަމާކުރުމަށް ހަމަޖެހިފައިވަނީ ކޮންޒަވޭޝަން ފަންޑަށް ކަމަށެވެ. އަދި ފައިސާ ބޭނުން ކުރާނީ އިޖްތިމާޢީ އަދި ތިމާވެށީގެ އެކި މަސައްކަތް ތަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީގެ ޢަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި މަންފާއެއް ލިބޭނެގޮތަށް ފުވައްމުލައް ސިޓީގައި ތަރައްޤީކޮށްފައިވާ ނޭޗަރ ޕާރކް ބެލެހެއްޓުންކަމަށް އެ އޭޖެންސީން ބުނެއެވެ.