ޚަބަރު

ޖޭއެސްސީގެ މެމްބަރަކު އިންތިޚާބާގުޅޭ މައްސަލާގައި ކޯޓަށް ވަޑައިގަތުމަކީ ކަންބޮޑުވާކަމެއް- މާރިޔާ


ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގައި އިންނަވާ މެމްބަރަކު ރިޔާސީ އިންތިޚާބާގުޅޭ މައްސަލައެއްގައި ސުޕްރީމް ކޯޓަށް ވަޑައިގަތުމަކީ ކަންބޮޑުވާކަމެއް ކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާނު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންތިޚާބުގެ ނަތީޖާ ބާތިލްކުރުމަށް އެދި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މާރިޔާ ވިދާޅުވީ ރައީސް ޔާމީން އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރައްވާނެކަމަށް ވިދާޅުވުމަށްފަހު، އަލުން އިންތިޚާބު ބާތިލްކުރަން ސުޕްރީމްކޯޓަށް ހުށަހަޅުއްވައިގެން ކުރިއަށްގެންދެވުމަކީ ކަންބޮޑުވާކަމެއްކަމަށެވެ.

"ޖޭއެސްސީގަ ރައީސުލްޖުމްޙޫރިއްޔާ ރެޕްރެޒެންޓް ކުރަން އިންނަވާ ބޭފުޅަކު ސުޕްރީމް ކޯޓަށް އަދި ޚާއްސަކޮށް މިފަދަ މައްސަލައެއްގައި ވަޑައިގަތުން އެއީ ހަގީގަތުގަ ދެރަކަމެއް. އެގޮތަށް އެކަން ކުރައްވާކަށް ނުވާނެ. އެމަނިކުފާނުގެވެސް ސުލޫމާ ދިމާލަށްދާކަމެއް އެއީ." މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، ނަތީޖާ ފެންނަންއޮތް ކަމެއްގައި، ސުޕްރީމްކޯޓުން އެ މައްސަލަ ބަލައިގަތްނަމަވެސް ރައްޔިތުންގެ ނިންމުމާއި ދެކޮޅަށް އިންތިޚާބު ބާތިލްކޮށްފާނެކަމަށް ދެކެވަޑައިނުގަންނަވާކަމަށް މާރިޔާ ވިދާޅުވިއެވެ.

"މި ރާއްޖެ އެބަ ޤައުމެއްހެން ހިނގަންޖެހޭ. މިރާއްޖޭގެ ރައްޔިތުންނަށް އެބަ އިހުތިރާމްކުރަންޖެހޭ ހުރިހާ އެންމެންވެސް. ރައްޔިތުންގެ މަޖިލިސްވިއަސް. ރައީސުލްޖުމްހޫރިއްޔާ ވިއަސް. ސުޕްރީމްކޯޓުވިއަސް. ރައްޔިތުންނަށްވުރެ މައްޗަކަށް ނޭރޭ. މިނިވަން މުއައްސަސާތައްވެސް މިދަންނަވާހެން އިލެކްޝަންސް ކޮމިޝަން. އޭސީސީ އަދި މިނޫން މުއައްސަތާތައްވިއަސް." މާރިޔާ ވިދާޅުވިއެވެ.

މާރިޔާގެ ވާހަކަފުޅުގައި އާއްމު ރައްޔިތުންނާ ގުޅޭ މިފަދަ މައްސަލަތަކުގައި ހައްލެއް ނުލިބި ކުރިއަށްދާނަމަ، ދިވެހިރާއްޖޭގެ އިޤްތިސޯދަށްވެސް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިގެންދާނެކަމަށް ވިދާޅުވެ އެކަމުގައި ހުރި ކަންބޮޑުވުންވެސް ފާޅުކުރައްވާފައެވެ.