ޚަބަރު

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް އާދީއްތަ ދުވަހަށް ތާވަލްކޮށްފި


ރިޔާސީ އިންތިހާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށްބުނެ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ ޝަރީއަތް ފެށުން އަންނަ އާދިއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

ރިޔާސީ އިންތިހާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށްބުނެ ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ ޝަރީއަތް ތާވަލްކޮށްފައިވަނީ އާދިއްތަ ދުވަހުގެ މެންދުރުފަހުގެ 1:00 އަށެވެ.

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ޕީޕީއެމްގެ ފަރާތުން އުފުލާފައިވާ މައްސަލައާ ގުޅިގެން އިބްތިދާއީ އަޑުއެހުމެއް ބާއްވާފައިވާއިރު، އަންނަ ހޮނިހިރު ދުވަހަށް ލިޔުމުން ޖަވާބުދާރީވުމަށް އިލެކްޝަންސް ކޮމިޝަނަށް ސުޕްރީމް ކޯޓުން ވަނީ އަންގާފައެވެ.

ޕީޕީއެމުން ބުނެފައިވަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިޚާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމަށްފަހު އެ މުއައްސަސާއިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.