ޚަބަރު

ޚަޝުޤްޖީގެ މައްސަލަައިގައި ވިޔަފާރި ހުއްޓާލާކަށް ނުޖެހޭ: ޓްރަމްޕް


ގެއްލިފައިވާ ސައުދީ ޢަރަބިއްޔާގެ ނޫސްވެރިޔާގެ މައްސަލައިގެ ސަބަބުން އެމެރިކާއިން ސައުދީއަށް ހަތިޔާރު ވިއްކުން ހުއްޓަން ޖެހޭ ކަމަށް ދެކިވަޑައިނުގަންނަވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހުސްވި ހަފުތާގައި ތުރުކީވިލާތުގައި ހުންނަ ސައުދީގެ ކޮންސުލޭޓަށް ވަތްފަހުން ގެއްލުނު ޖަމާލް ޚަޝުޤްޖީ އަކީ ސައުދީ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅަށް މީގެ ކުރިން ވާހަކަދައްކާފައިވާ ނޫސްވެރިއެކެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މިމައްސަލައިގައި އެމެރިކާއިން ސައުދީއަށް ވިއްކާ ހަތިޔާރާއި އެމެރިކާއިން ސައުދީއަށް ކުރާ އިންވެސްޓްމަންޓްތައް ހުއްޓާލަން ޖެހޭކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ. އަދި އެމެރިކާއިން މިފަދަ ފިޔަވަޅުތަކެއް އަޅައިފިނަމަ މިކަމުގެ ފައިދާ ލިބިގެންދާނީ ރަޝިޔާ އާއި ޗައިނާއަށް ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ އެމެރިކާ މިހާރު އޮތީ ގެއްލިފައިވާ ނޫސްވެރިޔާއަށް ވީ ގޮތް ހޯދުމާ ވަރަށް ގާތުގައި ކަމަށެވެ.

އެމެރިކާއިން ވަނީ މި ކަމުގައި ސައުދީއަށް އެނގޭ ހުރިހާ މަޢުލޫމާތެއް ހާމަކުރުމަށް އެދިފައެވެ. އަނެއްކޮޅުން، ޚަޝުޤްޖީ ގެއްލުނު މައްސަލަ ތަހްޤީޤުކުރުމަށް ތުރުކީވިލާތާއި ސައުދީ ޢަރަބިއްޔާއިން ވަނީ ގުޅިފައިވާ ތަހްޤީޤީ ޓީމެއް އެކުލަވާލާފައެވެ.