ޚަބަރު

ބްރެކްސިޓް އެއްބަސްވުން ވަރަށް އަވަހަށް އިޢުލާންކުރާނެ: ފައިނޭންޝަލް ޓައިމްސް


އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިކުރުމަށް ކުރިއަށްގެންދާ މަޝްވަރާތަކުގައި ދާދި އަވަހަށް އެއްބަސްވުމެއް އިއުލާންކުރާނެކަމަށް އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ، އޭނާގެ ވަޒީރުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

މޭ އޭނާގެ ވަޒީރުންނާ މި މަޢުލޫމާތު ހިއްސާކުރެއްވިކަން ރިޕޯޓްކޮށްފައިވަނީ ފައިނޭޝަލް ޓައިމްސް ނޫހުންނެވެ. އެ ނޫހަށް މަޢުލޫމާތު ދެއްވަމުން ބައެއް ވަޒީރުން ވިދާޅުވީ، މި މަޝްވަރާތަކުގައި ދެ ފަރާތުގެ ދެމެދު ހުރި އެންމެ ފަހުގެ މައްސަލަތަކަށްވެސް މިހާރު މަޑުމަޑުން ހައްލުތައް ހޯދަމުން އަންނަކަމަށެވެ.

ވިލާތުގެ އިއްތިހާދާއެކު ކުރިއަށްގެންދާ މަޝްވަރާތަކުގައި މޭގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާމެދު އޭނާގެ ވަޒީރުންގެ މަޖިލިސް ހިތްހަމަނުޖެހޭކަމުގެ ރިޕޯޓްތައް މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ. މި މަޝްވަރާތަކުގައި ޤާއިމުކުރާ އެއްބަސްވުމާމެދު ހިތްހަމަޖެހިވަޑައިނުގަނެ މޭގެ ސަރުކާރުގައި ހިމެނޭ ބައެއް ވަޒީރުން އިސްތިޢުފާ ދެއްވުމަކީ އެކަށިގެންވާ ކަމެއްކަމަށް، ފައިނޭޝަލް ޓައިމްސުން ބުނެފައިވެއެވެ.

2017 ވަނަ އަހަރުއްސުރެ ކުރިއަށްގެންދާ މަޝްވަރާތަކުގައި ކާމިޔާބީ ލިބެން ފަށާފައިވަނީ ދާދި ފަހުންކަމަށް މުރާސިލުން ބުނެއެވެ.