ރާއްޖެއިން އިސްލާމްދީނުގެ މަތިވެރި ނޫރު ފަނޑުވިޔަ ނުދިނުމަށް މިއަދުވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
ނިޢުމަތްތަކަށް ޝުކުރު ކުރުމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖޭގެ މިސްކިތްތަކުގައި ދިން ހުކުރު ޚުޠުބާގައި ބުނެފައިވަނީ ގުނައި އަދަދު ނުކުރެވޭހާ ގިނަ ނިޢުމަތްތަކެއް މާތްﷲ އިންސާނުންނަށް ދެއްވާފައިވާއިރު، އޭގެ ތެރޭގައި ފެންނަ ނިޢުމަތްތަކާއި ނުފެންނަ ނިޢުމަތްތައް ހިމެނޭ ކަމަށެވެ. އެގޮތުން މާތްﷲ ދެއްވި އެއްމެ މުހިންމު ނިޢުމަތަކީ އިސްލާމް ކަމުގެ ނިޢުމަތް ކަމަށާއި އަޅުގަނޑުމެންނަށް އިސްލާމް ދީނުގެ ހިދާޔަތު ދައްކަަވައި އެކަލާނގެއަށް އީމާންވާ މުސްލިމުން ކަމުގައި ލައްވައި، މި ލޮބުވެތި ފަސްގަނޑު ސައްތައިން ސައްތަ ޠާހިރު އިސްލާމީ ފަސްގަނޑެއްގެ ގޮތުގައި އެކަލާނގެ ލައްވާފައިވަކަމީ ޝުކުރުވެރިވާންޖެހޭ ކަމެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
އަދި މާތްﷲ ދެއްވި އިސްލާމީ ހިދާޔަތުގެ ނިއުމަށް މި ޖީލާ ހަމައަށް ގެނެސްދިނުމަށްޓަކައި ކާބަފައިން ވީ ޤުރުބާނީ ހަނދާންކޮށް މިފަދަ މަތިވެރި ނިޢުމަތެއް މިންވަރުކޮށްދެއްވި ކަމަށްޓަކައި މާތްﷲ އަށް ޝުކުރުކުރަންޖެހޭނެ ކަމަށްވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.
މީގެއިތުރުން ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި ދެމިއޮތަ ނުދިނުމަށްޓަކައި އިސްލާމްދީނުގެ ޢަދާވާތްތެރިންގެ ވާގިވެރިކަމާއި، މަދަދާއެކު މިއަދުވެސް ބަޔަކު މަސައްކަތް ކުރަމުންދާކަމަށާ، އެހެންކަމުން އިސްލާމްދީނުގެ މަތިވެރި ނޫރު ރާއްޖެއިން ފަނޑުވިޔަ ނުދިނުމަށް މަސައްކަތްކުރަން ޖެހިފައިވާ ކަމަށް ހުކުރު ޚުޠުބާގައިވަނީ ގޮވާލާފައެވެ.
"އަޅުގަނޑުމެންގެ ރާއްޖެ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމިއޮތަ ނުދިނުމަށްޓަކައި އިއްޔެ މަސައްކަތްކުރި ގޮތަށް މިއަދުވެސް އެބަ މަސައްކަތްކުރޭ. މިއަދުވެސް އެ މަސައްކަތްކުރަނީ އިސްލާމް ދީނުގެ ޢަދާވާތްތެރިންގެ ވާގިވެރިކަމާއި މަދަދު ހޯދައިގެން. މާތްﷲ އަޅުގަނޑުމެންނަށް މި ދެއްވި އިސްލާމް ދީނުގެ ނޫރު ފަނޑުވިޔަ ނުދިނުމަށް މިއަދުވެސް ވަނީ ޖެހިފައި" ޚުޠުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ވަޠަނުގެ އަމްނާއި އަމާންކަމަކީ ވެސް މާތްﷲ ދެއްވި ނިޢުމަތެއް ކަމަށާއި، ކުރިއެރުމާއި ތަރައްޤީގެ އަސާސަކީވެސް ޤައުމުގައި ފެތުރިފައިވާ އަމްނާއި އަމާންކަންކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އެހެންކަމުން ޤައުމަށް ލިބިފައިވާ މުއްސަނދިކަމާއި ކެރިފޯރުންތެރިކަން ހެޔޮގޮތުގައި ބޭނުންކުރެވެމުން ދަނީ މި އަމާންކަމާއި ޞުލްޙަވެރިކަމުގެ ސަބަބުން ކަމަށް ވާއިރު، އެކަންކަން ދަމަހައްޓައިދެއްވާތޯ މާތްﷲއަށް ދުޢާކޮށް ޝުކުރު ދަންނަވަން ޖެހޭ ކަމަށްވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.
މާތްﷲގެ ކިބައަށް ޝުކުރު ކުރުމަކީ އިސްލާމީ ޝިއާރެއްގެ އިތުރުން އެއީ އަޅުކަމެއް ކަމަށްވެސް ޚުޠުބާގައި ވަނީ ބުނެފައެވެ. އެގޮތުން ޝުކުރަކީ ﷲގެ ފަޟްލުވަންތަކަމަށާއި ދީލަތިވަންތަކަމަށް ހިތުގެ އަޑިން އިޢުތިރާފްވެ، ދުލުން އެކަން ތަރުޖަމާކޮށް، ހަށިގަނޑުގެ އެއްމެހާ ގުނަވަންތަކުން އެކަން ފާޅުކުރުންކަމަށްވެސް ބުނެފައިވެއެވެ.