ޚަބަރު

ގޯތި ވިއްކުމުގެ ކަންކަން ކުރިއަށްގެންދާނީ އެޗްޑީސީން- މުޢިއްޒު


ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ހުއްޓާލައި، އެކަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާއި ހަވާލުކޮށްފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތިވިއްކުމުގެ ކަންކަން އެޗްޑީސީއާއި ހަވާލުކުރިކަން ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މިބަދަލު ގެނައި ނަމަވެސް މިހާތަނަށް ހައުސިންގ މިނިސްޓްރީއިން ބަލައިގަނެފައިވާ އެއްވެސް ފޯމެއް ބާތިލު ނުކުރާނެކަމަށެވެ. އެގޮތުން ފަސް ހާހަށްވުރެ ގިނަ ފޯމް މިނިސްޓްރީން ބަލައިގަނެފައިވާކަމަށް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރ ވިދާޅުވީ ފޯމުގައި އެޗްޑީސީން ގޯތި ވިއްކުން ކުރިއަށް ގެންދިޔަ ނަމަވެސް، އެއްވެސް ޝަތުރުތަކަށް ބަދަލެއް ނާންނާނެކަމަށާއި އަދި ކިއު ނަންބަރު ނަގާފައިވާ ފަރާތްތަކުގެ ފޯމްތައް އެ ތަރުތީބުން ބަލައިގަންނަން ފެށުމަށް އެޗްޑީސީގައި އެދިފައިވާކަމަށެވެ.

"އެޗްޑީސީން ފޯމުލުމުގެ ކަންކަން ބަދަލުކުރުމަށް ނިންމީ ހައުސިން މިނިސްޓްރީގައި މިކަން ކުރާނެ ޖާގަ ނެތުމުގެ ސަބަބުން. މިހާތަނަށް 5100 ފޯމްވަނީ ހުށައަޅާފައި. މިގޮތަށް ބަދަލުކުރިއިރު ލާފައިވާ ފޯމުތަކަށް ބަދަލެއް ނާންނާނެ." މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވި ފޯމު ބަލައިގަތުމުގެ މަސައްކަތުގައި އެއްވެސް ކަމެއް އޮޅުވާލައިގެން ކޮރަޕްޝަނުން ކޮށްފައިނުވާނެކަމަށެވެ. އަދި މިކަން ކުރިއަށްގެންދިއުމުގައި އޭސީސީން އެއްވެސް އިންޒާރެއް ހައުސިންގ މިނިސްޓްރީއަށް ދީފައި ނުވާކަމަށް ވިދާޅުވިއެވެ.

"އޭސީސީގެ ނިންމުމާއި ޚީލާފެއް ނުވަން. އޭސީސީއާއި ހުރިހާ ތަފްސީލެއް ޙިއްސާ ކުރަމުންދަނީ މިނިސްޓްރީގެ ފަރާތުން. ގޯތި ދިނުމުގައި ވަކި މީހަކު މިކަމުން މަހުރޫމުވާ އެއްވެސް ކަމެއް މިނިސްޓްރީއަކުން ނުކުރަން." މިނިސްޓަރ ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން 400 ގޯތި ވިއްކުމަށް ވަނީ ހުޅުވާލާފައެވެ. ގޯތި ވިއްކުމަށް ޕޮއިންޓް ދިނުމުގައި ދިރިއުޅުމުގެ ޙާލަތާއި، ރަޖިސްޓްރީވެފައިވާ ގޯތީގެ ބޮޑުމިނަށާއި ދަފްތަރުގައި ޖެހިފައިވާ މުއްދަތައް ބަލާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.