ޚަބަރު

މާރާމާރީތަކާއި ސިޔާސީ ބަޔަކާ ގުޅުމެއް ނެތް - ފުލުހުން


ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި މިހާރަކަށް އައިސް ހިންގަމުންދާ މާރާމާރީތަކަކީ ސިޔާސީ ބަޔަކު އަޑީގައިތިބެގެން ކުރުވާކަމެއްކަމަށް ދެކެވޭވާހަކައަކީ ހަޤީގަތެއްނޫންކަމަށާ، މިހާތަނަށް ބެލިބެލުމުން އެފަދަ އެއްވެސްކަމެއް ފާހަގަވެފައި ނުވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

މާރާމަރީތަކާއި ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހްޤީޤުތަކާގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، މާލެއާއި އައްޑޫ ސިޓީގައި ހިންގާފައިވާ މާރާމާރީތަކަކީ ސިޔާސީ އެކިއެކި ފަރާތްތަކުން ކުރުވާކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސޯޝަލްމީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ބުނަމުންދިޔަ ނަމަވެސް މިހާތަނަށް ބެލިބެލުމުން އެފަދަ އެއްވެސްކަމެއް ފާހަގަކުރެވިފައި ނުވާކަމަށެވެ. ސޯޝަލް މީޑިއާގައި ފަތުރާ އެފަދަ ވާހަކަތަކަކީ ހަޤިގަތާޚިލާފު ވާހަކަތަކެއްކަމށްވެސް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ ދާދިފަހުން މާލޭގައި މާރާމާރީގެ 4 ހާދިސާއެއް ހިންގާފައިވާކަމަށާއި، އައްޑޫ ސިޓީގައި މިފަދަ 2 ހާދިސާއެއް ހިންގާފައިވާކަމަށެވެ. މިކަންކަން ހުއްޓުވުމަށް ފުލުހުން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށާ، މާރާމަރީތަކުގެ އެކި މައްސަލަތަކުގައި މިހާތަނަށް ބައްތިރީސް މީހަކު ހައްޔަރުކޮށްފައިވާ ކަމަމަށްވެސް ޝިފާން ވިދާޅުވިއެވެ. މީގެ ތެރެއިންވެސް 17 މީހަކު މިވަގުތުވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު، މީގެ ތެރޭގައި 3 ކުޑަކުދިން ހިމެނޭކަމަށާއި، ކުޑަކުދިން މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލާއިރު އެކުދިންނަށް ޒިންމާދާރު ގޮތުގައި ނަސޭހަތްތެރިވުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.

ޤައުމު ހަލަބޮލިވާފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ. ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ނުރައްކާތެރި ކުށްކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެކަމަށާ، އެފަދަ ފަރާތްތައް ހޯދައި ޤާނޫނީގޮތުން އަޅަންޖެހޭ ހަރުކަށި ފިޔަވަޅުއަޅާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.