ޚަބަރު

އިންތިޚާބު ބާޠިލް ކުރަން ހުށަހެޅި މައްސަލައަށް ޖަވާބުދާރީވާން އީސީއަށް އަންގައިފި


ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ރިޔާސީ އިންތިޚާބު ބާޠިލުކޮށްދިނުމަށް ކަމަށާއި މައްސަލާގައި ޖަވާބުދާރީ ވުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވާކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފްއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ އަންނަ ހޮނިހިރު ދުވަހު ލިޔުމުން ޖަވާބުދާރީވުމަށް އެކޮމިޝަނަށް ސުޕްރީމް ކޯޓުން އަންގާފައިވާކަމަށެވެ.
ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް މިއަދު ހެނދުނު ބާއްވާފައިވާ ކަމަށާއި، މައްސަލައިގެ ލިޔުންތައް އިލެކްޝަންސް ކޮމިޝަނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް އެކޮމިޝަނުންވަނީ ބުނެފައެވެ. އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 11:00 ގެ ކުރިން އެ މައްސަލައަށް ޖަވާބު ދާރީ ވުމަށް ސުޕްރީމް ކޯޓުން އެ ކޮމިޝަނަށް އަންގާފައިވާ ކަމަށް ޝަރީފުވަނީ ވިދާޅުވެފައެވެ.

ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފައި ވަނީ ދުސްތޫރީ އުސޫލުތަކާ ޚިލާފަށް އިންތިހާބުގެ ތެރޭގައި ކަންތައްތަކެއް ހިންގާފައި ވާތީ، ރިޔާސީ އިންތިޚާބު ބާޠިލް ކުރުމަށްކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވަނީވިދާޅުވެފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 23ވަނަ ދުވަހުބޭއްވި ރިޔާސީ އިންތިޚާބާގުޅޭ ދުސްތޫރީ މައްސަލައެއް ޕީ.ޕީ.އެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ އެފަދަ ގިނަމައްސަލަތަކެއް ހުރިކަމަށްބުނެ ޕީޕީއެމްގެ ފަރާތުން އިހްތިޖާޖު ކުރަމުންދާ ދަނޑިވަޅެއްގައެވެ. މިކަމާ ގުޅިގެން ޕީޕީއެމްއިން އިއްޔެ ނެރެފައިވާ ބަޔާނެއްގައިވަނީ ރިޔާސީ އިންތިޚާބު ހިނގަމުންދިޔައިރު، ކުރިމަތިވި ތަފާތު މައްސަލަތަކާ ގުޅޭގޮތުން އިންތިޚާބުގައި ޙަރަކާތްތެރިވި އޮބްޒަރވަރުންނާއި މޮނިޓަރުންނާއި އެހެނިހެން ފަރާތްތަކުން އެޕާޓީއަށް ވަރަށްގިނަ ޝަކުވާތަކެއް ހުށައަޅާފައިވާކަމަށެވެ.

ޕީޕީއެމްއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓު ލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ޙީލަތް ހިމެނުމާއި، ޤާނޫނާ ޚިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި ޖުމްލަ ނަތީޖާއަށް އުނިއިތުރު ގެންނަން މަސައްކަތްކުރުމާއި ރީ-ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިޚާބާގުޅޭ އެކިއޮފިޝަލުންގެ ޢަމަލުތައް ޤަވާއިދާ ޚިލާފަށް ހުރުން ފަދަ ގިނަ ކަންތައްތަކެއް ހިމެނޭކަމަށް ޕީޕީއެމްއިން ބުނެއެވެ.

ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށްދިޔައީ އިންސާފުވެރިކޮށް ނޫންކަމަށާ، އިންތިޚާބުގައި އޮޅުވާލުމާއި މަކަރުހެދުމުގެ ޢަމަލުތަކެއް ހިނގާފައިވާކަމަށް ޕީ.ޕީ.އެމުން ތުހުމަތުކުރެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާމެދުވެސް ޕީޕީއެމްއިން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އަދި އެޕާޓީންދަނީ އިންތިޚާބުގެ ނަތީޖާ އޮޅުވާލަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކޮށްފައިވާކަމަށްބުނެ އެކަމާދެކޮޅަށް ކޮންމެރެއަކު އަޑުއުފުލަމުންނެވެ.

އެހެން ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިޚާބަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ މިނިވަން އިންސާފުވެރި އިންތިޚާބުކަމަށްބުނެ އިލެކްޝަންސް ކޮމިޝަނުން ވަނީ ޕީ.ޕީ.އެމްގެ ތުހުމަތުތައް ދޮގުކޮށްފައެވެ.