ޚަބަރު

ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރެވޭނީ އެމެރިކާގެ ރުހުމާއެކު: ޓްރަމްޕް


އުތުރު ކޮރެއާގެ ނިއުކްލިޔަރ މައްސަލައިގައި ދެކުނު ކޮރެއާއިން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރާނީ އެމެރިކާގެ ރުހުމާއެކުގައި އެކަނިކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މިކަމާ ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލެއްގައި ޖަވާބެއްގައި އެމެރިކާގެ ރައީސް ވިދާޅުވީ، ދެކުނު ކޮރެއާއިން އެމެރިކާގެ ހުއްދައާ ރުހުމާ ނުލާ މިފަދަ ފިޔަވަޅެއް ނާޅާނެކަމަށެވެ. އަދި އެ ޤައުމުން މިފަދަ ކަންކަމުގައި އެމެރިކާއާ ރިޢާޔަތްނުކޮށް ކުރިއަށް ނުދާނެކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ ބުދަ ދުވަހު ދެކުނު ކޮރެއާގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ދެކުނު ކޮރެއާގެ ޚާރިޖީ ވަޒީރު ކާންގް ކިޔުންގްވާ ދެއްކެވި ވާހަކަތަކާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ކާންގް ވިދާޅުވީ، އުތުރު ކޮރެއާއިން ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަށް ބާރުއެޅުމަށް ދެކުނު ކޮރެއާއިން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމާ ބެހޭގޮތުން ވިސްނަން ޖެހޭ ކަމަށާއި، ސަރުކާރުން މިކަން އިތުރަށް ދިރާސާކުރަމުންދާކަމަށެވެ.

ދެކުނު ކޮރެއާއިން އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނީ 2010 ވަނަ އަހަރު އުތުރު ކޮރެއާއިން ދެކުނުގެ މަނަވަރަކަށް ދިން ހަމަލާއެއްގައި ދެކުނު ކޮރެއާގެ ކަނޑުގެ ސިފައިންގެ 46 މީހުން މަރުވުމާ ގުޅިގެންނެވެ.