 
										 
										
			ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އޭ 380މަރުކާގެ މަރިންދާބޯޓުގެ ކޮމާޝަލް ދަތުރުތައް ފެށުމުގެ ކުރިން އައު ފަޔަރ ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތް މުޅިން ނިންމާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ. 
އައު ފަޔަރ ސްޓެޝަނަކީ އެއަރޕޯޓްގެ ޚިދުމަތް ފުޅާކުރުމަށް ހިންގާ އެއްބިލިއަން ޑޮލަރުގެ މަޝްރޫޢުގެ ތެރޭގައި ހިމަނައިގެން ހިންގާ މަޝްރުޢުއެކެވެ. 3000އަކަމީޓަރުގެ ސަރަޙައްދެއްގައި ހަދާ އައު ފަޔަރަ ސްޓޭޝަނަކީ ކެޓަގަރީ 10ގެ ފަޔަރ ސްޓޭޝަނެއްކަމަށް އެމްއޭސީއެލްއިން ބުނެއެވެ. ކެޓަގަރީ 10އަކީ ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި މަތިންދާ ބޯޓުތަކަށް ރެސްކިއުގެ ޚިދުމަތްދެވޭ ފެންވަރުގެ ފަޔަރ ސްޓޭޝަންތަކެވެ. 
އެމްއޭސީއެލްއިން ބުނެފައިވަނީ ފަޔަރ ސްޓޭޝަންގެ ފައުންޑޭޝަން މަސައްކަތްތައް މިހާރު ނިމިފައިވާކަމަށާ، ދެން ކުރިއަށްދާނީ ފަޔަރ ސްޓޭޝަންގެ ސްޓްރަކްޗަރގެ މަސައްކަތްތައްކަމަށެެވެ. އަންނަ ޖެނުއަރީމަހު އައު ރަންވޭ ބޭނުންކުރަން ފަށައި، އޭ380ގެ ފްލައިޓްތަކުގެ ކޮމާޝަލް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުންދާއިރު، އޭގެކުރިން ފަޔަރ ސްޓޭޝަންގެ ޚިދުމަތް ފަށާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ. 
އަލަށް ހަދާ ފަޔަރ ސްޓޭޝަންގައި މެރިން ސްޓޭޝަނެއްވެސް ހިމެނޭކަމަށް އެ ކުންފުނިން ބުނެއެވެ. މި ސްޓޭޝަން މެދުވެރިކޮށް ކަނޑުމަތީގައި ވައިގެ ދަތުރުތަކާއި ގުޅުންހުރި ޙާދިސާއެއް ހިނގައިފިނަަމަ އެހީ ފޯރުކޮށްދޭނެއެވެ.
އައު ސްޓޭޝަނަށް ބޭނުންވާ އިކުއިޕްމަންޓާއި މީހުން ތަމްރީންކުރުމުގެ މަސައްކަތްވެސް އެމްއޭސީއެލްއިން ގެންދަނީ ކުރަމުންނެވެ. އާ ފަޔަރސްޓޭޝަން ބޭނުންކުރަން ފެށިނަމަވެސް މިހާރު ހުރި ފަޔަރަ ސްޓޭޝަންވެސް ބޭނުންކުރާނެކަމަށާ، ދެ ސްޓޭޝަނަކީ އެއަރޕޯޓްގެ ދެ ސަރަޙައްދެއްގައި ހުންނަ ސަޓޭޝަނަށްވާތީ ގަސްތުކޮށްފައިވަނީ މިދެތަން މެދުވެރިކޮށް އަވަސް ޚިދުމަތެއް ދިނުމަށްކަަމަށްވެސް އެމްއޭސީއެލްއިން ބުނެއެވެ.