ޚަބަރު

މާރާމާރީ ހިންގާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅާނަން - ފުލުހުން


ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ނުރައްކާތެރި ކުށްކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެކަމަށާއި، އެފަދަ ފަރާތްތައް ހޯދައި ޤާނޫނީގޮތުން އަޅަންޖެހޭ ހަރުކަށި ފިޔަވަޅުއަޅާނެކަމުގެ އިންޒާރު ފުލުހުންދީފިއެވެ.

ދާދިފަހުން މާލެއާއި އައްޑޫ ސިޓީގައި ހިންގާފައިވާ މާރާމާރީތަައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަޙްޤީގުކުރަމުންދާކަން ހާމަކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ނުރައްކާތެރި މާރާމާރީތައް ހުއްޓުވައި، އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަައް މަދުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އޭގެތެރެއިން މާލެއާއި އައްޑޫ ސިޓީގައި ހިންގި މާރާމާރީތަކާއި ގުޅިގެން ތުހުމަތުކުރެވޭ ބައެއް ފަރާތްތައް ހޯދައި ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މާލެއާއި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކަކީ ނުރައްކާތެރިތަނެއްގެ ގޮތުގައި ސިފަކުރުމުގެ ގޮތުން ކުށްކުރުމުގެ ރޫހު ރާއްޖޭގެ ވެށީގައި ހަރުލެއްވުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެކަމަށް ފުލުހުންގެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ. ފުލުހުން ބުނީ ނުރައްކާތެރި ޢަމަލުތައް ހިންގައި އެފަދަ ޢަމަލުތަކަށް ހިތްވަރުދޭ ފަރާތްތައް ހޯދައި ތަޙްޤީގުކޮށް ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅުއަޅާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭކަމަށެވެ.