ޓުއަރިޒަމް

އެންމެ ރަނގަޅު ސެވަން ސްޓަރ ޑެސްޓިނޭޝަނަކަށް ރާއްޖެ ހޮވިއްޖެ


ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ، ސެވެން ސްޓަރސް ލަގްޒަރީ އެންޑް ލައިފްސްޓައިލް އެވޯޑްސް 2018ގެ އެންމެ ރަނގަޅު މަންޒިލަކަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ދޭ އޮސްކާ އެވޯޑުގެ ގޮތުގައި މަޝްހޫރުވެފައިވާ ސެވެން ސްޓަރސް ލަގްޒަރީ އެންޑް ލައިފްސްޓައިލް އެވޯޑްސް 2018ގައި ރާއްޖެއަށް އެއްވަނަ ލިބިފައިވަނީ "ސެވަން ސްޓަރ ޑެސްޓިނޭޝަން" ކެޓަގަރީންނެވެ.

ގްރީސްގައި ރިސޯޓެއްގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން މިއެވޯޑާއި ހަވާލުވެވަޑައިގަތީ ޖެނީވާގައި ހުންނަ އދގެ އޮފީހަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ހާލާ ހަމީދުއެވެ.

އެންމެ ރަނގަޅު ސެވަން ސްޓަރ ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެ ހޯދާފައިވަނީ، ފަތުރުވެރިކަމުގެ ސިނާޢަތުގައި ފާހަގަކޮށްލެވޭ ދުބާއި، ސީޝެލްސް، މޮރީޝަސް އަދި ސިންގަޕޫރު ފަދަ ބޮޑެތި ޤައުމުތަކާއި ވާދަކުރުމަށްފަހުއެވެ.

އެންމެ ރަނގަޅު ސެވަން ސްޓަރ ޑެސްޓިނޭޝަންގެ އެވޯޑް މިއަހަރު ރާއްޖެއަށް ލިބިފައިވާއިރު 2013 ވަނަ އަހަރު އަދި 2014 ވަނަ އަހަރުވެސް ރާއްޖެއަށް ވަނީ މިއެވޯޑް ލިބިފައެވެ.

ސެވެން ސްޓަރސް ލަގްޒަރީ އެންޑް ލައިފްސްޓައިލް އެވޯޑްސްގައި މިއަހަރު ދިވެހިރާއްޖޭގެ އިތުރުން 14 ޤައުމަކުން ބައިވެރިވެފައިވެއެވެ. މިއީ 2012 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.