ޚަބަރު

އިޓަލީގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ


އިޓަލީވިލާތުގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް ފެއަރ "ޓީޓީޖީ ޓްރެވެލް އެކްސްޕީރިއަންސް ފެއަރ" ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

އިޓަލީގެ ރިމިނީގައި ކުރިއަށްދާ މި ފެއަރގައި މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއިއެކު ރާއްޖޭގެ ފަތުރުވެރިކަމުގައި ޙަރަކާތްތެރިވާ 20 ކުންފުންޏަކުން 37 ފަރާތެއް ވަނީ ބައިވެރިވެފައެވެ.

މިމަހުގެ 10 އިން 12 އަށް ކުރިއަށްދާ މި ފެއަރ ގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާނެއެވެ. އިޓަލީގެ ފަތުރުވެރިކަމަށް ޚާއްޞަކޮށްގެން 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ފެއަރގައި ރާއްޖެ އިޝްތިހާރުކުރަނީ 62 މީޓަރުގެ 2 ސްޓޭންޑްގައެވެ. މި ސްޓޭންޑުތައް ފަރުމާކޮށްފައިވަނީ ކުލަ މަންޒަރުތަކުން ރާއްޖޭގެ ޤުދުރަތީ ރީތިކަން ރަމްޒުކޮށްދޭ ފަދަ ގޮތަކަށެވެ. މި ފެއަރގެ ތެރެއިން ރާއްޖޭގެ ޑެލިގޭޝަންގައި ހިމެނޭ ފަރާތްތަކުން އިޓަލީގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ފަރާތްތަކާއި ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ފެއަރގައި ދުނިޔޭގެ 150 ސަރަހައްދަކުން 2550 އެގްޒިބިޓަރުން ބައިވެރިވެއެވެ. މިއަހަރުގެ ފެއަރއަށް 72،000 މީހުން ޒިޔާރަތްކުރާނެކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގައި އިޓަލީއަކީ މުހިންމު މާކެޓެކެވެ. 2016 ވަނަ އަހަރާއި އަޅާބަލާއިރު 2017 ވަނަ އަހަރު އިޓަލީން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ %24 އިތުރުވެފައެވެ. މިއީ މިއަހަރުގެ ތެރޭގައި އިޓަލީގައި ރާއްޖެ އިޝްތިހާރުކުރާ 2 ވަނަ ފަހަރެވެ.