ޞައްޙަ ނޫން ކޯޓު އަމުރެއް ނެރެގެން ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކޮށް، ރަހީނު ކުރަން އުޅުމުގެ ތުހުމަތުގައި ޖަލު ހުކުމެއް އިއްވާފައިވާ އދ.މާމިނގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަޙްމަދު ނިހާން ކަފާލާތުގެ ދަށުން މިނިވަން ކުރެވެން ނެތް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.
ކަފާލާތުގެ ދަށުން ނިހާން މިނިވަންކުރުމާމެދު ހައިކޯޓުން ގޮތެއް ނިމާފައި މިވަނީ އެކަމަށް އެދި ނިހާނުގެ ފަރާތުން ހައިކޯޓުގައި އެދުމުންނެވެ. ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް ނިހާންގެ ފަރާތުން އެދިފައިވަނީ އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމްގެ އިސްތިޢުފާނު އަޑުހުމުގައެވެ. އެގޮތުން ނިހާން އެގޮތަށް އެދުނީ ހައިކޯޓުގެ ޤަވާއިދުގެ ދަށުން ނިހާން ކަފާލާތުގެ ދަށުން ދޫކުރެވިދާނެ ކަމަށް ޤަބޫލުކުރެވޭތީ ކަމަށް ބުނެފައެވެ.
ހައިކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އިސްތިޢުނާފު އަޑުއެހުމުގައި ގާޒީ ނިހާން އެގޮތަށް އެދުމުން ޕްރޮސިކިއުޓަރ ޖެނަރަލް އޮފީހުގެ ވަކީލު ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވީ ޓެރަރިޒަމްގެ ޤާނޫނުގެ ދަށުންނާއި ޤާނޫނު ޢަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ކަފާލާތުގެ ދަށުން ނިހާން ދޫކުރެވެން ނެތް ކަމަށެވެ. ޖިނާއީ އިޖުރަޢާތުގެ ޤާނޫނުގައިވާ ގޮތުން ޓެރަރިޒަމްގެ ކުށްސާބިތުވެ ޙުކުމްކޮށްފައި ތިބޭ ފަރާތްތައް ކަފާލާތުގެ ދަށުން މިނިވަން ނުކުރެވޭނެއެވެ.
ނިހާނުގެ މައްޗަށް ހަތަރު ދަޢުވާއެއް އުފުލި އެވެ. އެއީ، އަޞްލެއް ނެތް އެއްޗެއް ޞައްޙަ ކަމަށް ދެއްކުމައްޓަކައި ލިޔުމެއް އުފެއްދި ކަމުގެ ދަޢުވާ އާއި ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށިގެން ނުވާ ޢަމަލެއް ހިންގި ކަމުގެ ދަޢުވާ އާއި ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދަޢުވާގެ އިތުރުން ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގައި ބައިވެރިވެ އެފަދަ ޢަމަލެއް ހިންގުމުގެ ދަޢުވާއެވެ.
ނިހާނުގެ މައްޗަށް 17 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅުމާއި އެކަމުގައި ބައިވެރިވުމުގެ ކުށް ސާބިތުވުމުންނެވެ. ނިހާނުގެ މައްޗަށް އިއްވި ޙުކުމުގައި ބުނެފައިވަނީ، މާމިގިނލީ ކޯޓުގައި އެ ކޯޓުގެ ލެޕްޓޮޕެއް ބޭނުންކޮށްގެން ގާޒީ ނިހާން ކޯޓު ޢަމުރެއް ޑައުންލޯޑްކުރިކަން ސާބިތުވާ ކަމަށާއި އެ ޢަމުރަށް ބަދަލު ގެނައިކަން ވެސް ސާބިތުވާ ކަމަށެވެ. އަދި އެފަދަ ޢަމުރެއް ނެރުމުގެ ނުރައްކާތެރިކަމާމެދު ނިހާން ވާހަކަ ދައްކާފައިވާކަން ވެސް ހެކިންގެ ހެކިބަހުން އެނގޭ ކަމަށެވެ.
ނިހާންގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ގަދަކަމުން ހައްޔަރުކޮށް، ރަހީނުކޮށް، ޢާންމުންގެ މެދުގައި ބިރުވެރިން އުފެދޭފަދަ، ޢަމަލެއް ހިންގަން މުހުތާޒު މަސައްކަތްކުރެއްވި ކަމަށް އަމިއްލައަށް ވިދާޅުވުމުންނާއި ދައުލަތުން ހުށަހެޅި ހެކިން ސާބިތުވާތީ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.