ޚަބަރު

ި"ދިވެހިރާއްޖޭގެ ތަރިކަ ސާރވޭ ކުރުމުގެ މަޝްރޫޢު" ފުވައްމުލައްސިޓީގަ ފަށައިފި


ޑިޕާރޓްމަންޓް އޮފް ހެރިޓޭޖުން ކުރިއަށްގެންދާ "ދިވެހިރާއްޖޭގެ ތަރިކަ ސާރވޭ ކުރުމުގެ މަޝްރޫޢު"ގެ މަސައްކަތް ފުވައްމުލައްސިޓީގައި ފަށައިފިއެވެ.

މި މަޝްރޫޢު ފުވައްމުލައްސިޓީގައި މިމަހު ފަށާފައިވާއިރު، އެއްމަސް ދުވަހުގެ މުއްދަތަށް މި ސާރވޭ ފުވައްމުލަކުގައި ކުރިޔަށް ގެންދާނެކަމަށް ޑިޕާރޓްމަންޓް އޮފް ހެރިޓޭޖުން މައުލޫމާތުދެއެވެ. މިމައްސަކަތުގެ ދަށުން ފުވައްމުލައްސިޓީގެ އާސާރީ ތަންތަނުގެ ތެރެއިން ކެޑޭރެ މިސްކިތް، ގެން މިސްކިތް، ހުކުރު މިސްކިތް، ހަވިއްތަ އަދި ވަށޮ ވެޔޮ ސާރެވޭކުރާނެއެވެ.

މިމަޝްރޫޢާއު ބެހޭ ގޮތުން ޑިޕާޓްމެންޓް އޮފް ހެރިޓޭޖް ގެ ހެޑް އޮފް ހެރިޓޭޖް މެނޭޖްމެންޓް އިބްރާހިމް މުޖާހު ވިދާޅުވީ މި ސާރވޭގެ ދަށުން އެއްކުރާ މަޢުލޫމާތު ޢާންމުންނަށް ފަސޭހައިން ލިބޭނެފަދަ ގޮތަކައް ލިބޭނެ އިންތިޒާމު ހަމަޖައްސާނޭކަމަށެވެ.

މި މަޝްރޫއު ކުރިއަށްގެން ދަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ސެންޓަރ ފޯ އިސްލާމިކް ސްޓަޑީޒް ގެ ޑރ. މައިކަލް ފީނާގެ ބެއްލެވުމުގެ ދަށުންނެވެ. އަދި މަޝްރޫއު ގެ މާލީ އެހީތެރިކަން ފޯރުކޮށްދެނީ "އާކޭޑިއާ ޗެރިޓަބްލް ޓްރަސްޓް" އިންނެވެ.
ރާއްޖޭގެ ތާރީހާ ގުޅޭ ތަރިކަތައް ރައްކާތެރިކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ހެރިޓޭޖް ޑިޕާޓްމަންޓާއި އޮކްސްފޯޑް ޔުނިވާސިޓީގެ ސެންޓާ ފޯ އިސްލާމިކް ސްޓަޑީޒްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިއަހަރުގެ އެޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިޔަށް ގެންދާ ސާރވޭގައި އިންސާނުންގެ ޢަމަލުތަކާއި ޤުދުރަތީ ގޮތުން ގެއްލުން ލިބިދާނެކަމަށް ބެލެވޭ ތަރިކަތަކާ ގުޅޭ މަޢުލޫމާތު ތަރުތީބުކޮށް ހަރުދަނާކަންމަތީ ރައްކާ ކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މިސްކިތްތަކާއި މަހާނަ ގާތަކާއި ހަތްތެލި ފަދަ ތަންތަން ޑިޖިޓަލީ ފޮޓޯ ނެގުމާއި، ތްރީޑީ ޓެރެސްޓްރިއަލް ސްކޭން ކުރުމުގެ އިތުރުން ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމެއް ޤާއިމުކުރުން ހިމެނެއެވެ.
މި އެއްބަސްވުމުގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. އަދި މި މުއްދަތުގެ ތެރޭގައި އޮންލައިން ޑޭޓާ ބޭސް އެކުލަވާލާ ނިންމަންޖެހެއެވެ.