ޚަބަރު

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަން ފަށައިފި


ޖުމުލަ 160 ސްޓޯލާއެކު، ކެއްކުމުގެ ހުނަރު ދައްކާލުމުގެ ބޮޑު މުބާރާތެއް ހިމެނޭގޮތަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ހޮސްޕިޓާލިޓީ މައުރަޒު "ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް"ގެ މިއަހަރުގެ އެޑިޝަން ފަށައިފިއެވެ. މި އެކްޒިބިޝަން ފަށްޓަވައިދެއްވީ މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހީމެވެ.

ޖުމުލަ 160 ސްޓޯލާއެކު، "ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް" ފަށާފައިވާއިރު މިއަހަރުގެ ހޮޓެލް އޭޝިޔާ އެގްޒިބިޝަނުގައި 46 ޤައުމަކުން 250 ކުންފުނި ބައިވެރިވެ، 2000 ބްރޭންޑް ދައްކާލުމަށް ހަމަޖެހިފައިވެއެވެ. މި އެކްޒިބިޝަންގެ ތެރެއިން ކުރިއަށްގެންދާ ކަލިނަރީ ޗެލެންޖުގެ ޖަޖުންނަކީ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ވޯލްޑް ޝެފްސް- ޑަބްލިއުއޭސީއެސް) އިންނެވެ.

އެންމެފަހުން ބޭއްވި މިމުބާރާތުގައި 550 މީހުން ބައިވެރިވެފައިވެއެވެ. މިއަހަރުގެ ފެއާގައި 72 ރިސޯޓުން620 ޝެފުން ބައިވެރިވެއެވެ. މިފަހަރުގެ ކަލިނަރީ ޗެލެންޖުން ރަންވަނައަށް ދާ ފަރާތްތަކަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޝެފުންނާއި ވާދަކޮށް ރާއްޖެ ތަމްސީލުކުރުމުގެ ފުރުޞަތު ހުޅުވާލުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެ ކުރިންވެސް މި ބައްރުގެ ޤައުމުތަކަށް ދިވެހި ޝެފުން ފޮނުވާފައިވާއިރު، ވަރަށް ގިނަ ޝެފުން ރަންވަނަތަކެއް ހޯދާފައިވާކަން ފާހަގަކުރެވެއެވެ.

"ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހީމް ވިދާޅުވީ މިއަދު ރާއްޖޭގައި ވިޔަފާރީގެ ދާއިރާއަށް ޚައްސަކޮށްގެން ބާއްވަމުންއަންނަ މިފަދަ އެކްޒިބިޝަންތައް ފެށިގެންއައީ ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާއިންކަމަށެވެ. އަދި ވިދާޅުވީ މިހާރު އެޖަމްޢިއްޔާގެ ބުރަ މަސައްކަތާއެކު ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ހަރުދަނާވެ ސަރަޙައްދީ ޤައުމުތަކުން ބަލައިގަންނަމުންދާކަމަށެވެ.

މިއަހަރުގެ "ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް"ގައި ބައިވެރިވާ ފަރާތްތައްވަނީ މިފަދަ ފެއާއެއް ބޭއްވުމުން އެމީހުންގެ ޝުޢޫރުތައް ހިއްސާކޮށްފައެވެ. މިގޮތުން ފެއަރގެ ޒަރިއްޔާއިން ހޮސްޕިޓަލީޓީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާބައްދަލުވެ ގުޅުން ބަދަހިވެގެންދާކަމަށް އެމީހުން ބުންޏެވެ.

ހޮޓެލް އޭޝިއާގެ މެއިން ސްޕޮންސާ ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް)އިން މި އަހަރުގެ ފެއާގައި އެ ކުންފުނީގެ 72 ބްރޭންޑެއް ޑިސްޕްލޭ ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މި ފެއަރގައި މުޅީން އަލަށް 4 ބްރޭންޑެއް ރާއްޖެއަށް ތަޢާރަފްކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

މި އެގްޒިބިޝަނަކީ "ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް"ގެ 14 ވަނަ އެޑިޝަނެވެ. މި މައުރަޒު ފަށާއިވާއިރު، މައުރަޒުގެތެރެއިން މި މަހުގެ 9 އަކުން 12 އަށް ކެއްކުމުގެ ހުނަރު ދައްކާލުމުގެ މުބާރާތެއްވެސް ކުރިޔަށްގެންދާނެއެވެ.