ޚަބަރު

ދުނިޔޭގެ ބާޒާރުގައި ކަނޑުމަހުގެ އަގު އުފުލިއްޖެ


ދުނިޔޭގެ ބާޒާރުގައި ކަންނެލީ އަގު އުފުލިއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީން ޢާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ރާއްޖެއިން އެންމެ ގިނައިން ކަނޑުމަހާއި ބޮޑު ކަންނެލި ބޭރުކުރާ ޤައުމުތަކުގައި މަހުގެ އަގު ވަނީ މައްޗަށް ގޮސްފައެވެ. އެގޮތުން ރާއްޖެއިން އެންމެ ގިނައިން ފިނިކުރި ކަނޑުމަސް ބޭރުކުރާ ޤައުމުކަމަށްވާ ތައިލޭންޑުގެ ބާޒާރުގައި ފިނިކުރި ކަޅުބިލަމަހުގެ ޓަނެއްގެ އަގު މިދިޔަ މަހާ އަޅާބަލާއިރު މިމަހު ވަނީ 24 އިންސައްތަ އުފުލިފައެވެ. އެގޮތުން މިހާރު ތައިލެންޑުގެ ބާޒާރުގައި ފިނިކުރި ކަޅުބިލަ މަސް ޓަނެއްގެ އަގު ހުރީ 23،901 ރުފިޔާއަށް ކަމަށެވެ. އަދި މިދިޔަ މަހު އެޤައުމުގެ ބާޒާރުގައި ފިނިކުރި ކަޅުބިލަ މަސްޓަނެއް ލިބެންހުރީ 19،275 ރުފިޔާއަށެވެ.

ރާއްޖެއިން ރީނދޫއުރަހަ ކަންނެލި ބޭރުކުރާ އެއް މާރކެޓް ކަމަށްވާ ސްޕެއިންގެ މާރކަމެޑްރިޑްގެ މާކެޓްގައިވެސް ކަންނެލީގެ އަގު މިހާރު ވަނީ އުފުލިފައެވެ. އެގޮތުން މާރކަމެޑްރިޑްގެ ބާޒާރުގައި ރީނދޫ އުރަހަ ކަންނެލި ކިލޯއެއްގެ އަގު މިދިޔަ ހަފްތާގައި 114.14 ރުފިޔާއަށް ހުރިއިރު މިހަފްތާގައި ރީނދޫ އުރަހަ ކަންނެލި ކިލޯއެއްގެ އަގު ވަނީ 136.39 ރުފިޔާއަށް އުފުލިފައެވެ.

މީގެއިތުރުން ލޯބޮޑު ކަންނެލީގެ އެންމެ ޑިމާންޑް ބޮޑު އެއް މާރކެޓް ކަމަށްވާ ޖަޕާންގެ ޓޯކިޔޯ މެޓްރޮޕޮލިޓަން ނީލަން ބާޒާރުގައިވެސް މިދިޔަ ހަފްތާއާ އަޅާ ބަލާއިރު މިހަފްތާގައި ވަނީ ލޯބޮޑު ކަންނެލީގެ އަގު 27 އިންސައްތަ އުފުލިފައެވެ. އެބާޒާރުގައި މިދިޔަ ހަފްތާގައި ލޯބޮޑު ކަންނެލި ކިލޯއެއްގެ އަގު 176.88 ރުފިޔާއަށް ހުރިއިރު މި ހަފްތާގައި ލޯބޮޑު ކަންނެލި ކިލޯއެއްގެ އަގު ހުރީ 245.28 ރުފިޔާއަށެވެ.

ރާއްޖޭގައި މަސް ގަންނަ ކުންފުނިތަކުން މަސް ގަންނަމުންދަނީ ފިނިކުރި މަސް ކިލޯއެއް 20 ރުފިޔާއަށެވެ. އަދި ފިނިނުކުރާ މަސްކިލޯއެއް ހުރީ 18 ރުފިޔާއަށެވެ. ރާއްޖޭގައި ބޮޑުކަންނެލި ގަންނަ ކުންފުނިތަކުން މިދިޔަ ހަފްތާގައި ކަންނެލި ކިލޯއެއް އެވްރެޖްކޮށް ގަނެފައިވަނީ 67 ރުފިޔާއަށެވެ. ނަމަވެސް މި ހަފްތާގައި ބޮޑުކަންނެލި ކިލޯއެއްގެ އަގު 83 ރުފިޔާއަށް އުފުލިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.