ޚަބަރު

ރާއްޖޭގެ ފުރަތަމަ މެޑިކަލް ކޮލެޖުގެ ޑީންއަކަށް ޑރ.ޝީޒާ


ރާއްޖޭގައި މުޅީން އަލަށް ޤާއިމުކުރި މެޑިކަލް ކޮލެޖް ނުވަތަ ސްކޫލް އޮފް މެޑިސިންގެ ޑީންއަކަށް ޑރ.ޝީޒާ ޢަލީ އައްޔަން ކޮށްފިއެވެ.

ޑރ.ޝީޒާ އަކީ 1995 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސިއްޙީ ދާއިރާގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. އެގޮތުން މިނިސްޓްރީ އޮފް ހެލްތުގައާއި، ސަރުކާރުގެ މައި ހޮސްޕިޓަލް އައި.ޖީ.އެމް.އެޗުގައި ޑރ.ޝީޒާ ޚިދުމަތް ކުރައްވާފައިވެއެވެ.

އޭނާގެ ތަޢުލީމީ ފެންވަރަށްބަލާއިރު، އެމްބީބީއެސް ފުރިހަމަކުރައްވައި، ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާޒް ޑިގްރީ ޙާސިލްކުރައްވާފައިވެއެވެ. މީގެ އިތުރުން ރާއްޖޭގައި އަލަށް މެޑިކަލް ކޮލެޖު އުފެއްދުމުގެ މަސައްކަތް ފެށުމާއެކު އެތަނުގެ ޕްރޮޖަކްޓް މެޏޭޖާރ ކަމުގެ މަޤާމުގައި ހުންނަވައިގެން ބުރަ މަސައްކަތްތަކެއް ކޮށްދެއްވާފައިވެއެެވެ.

މެޑިކަލް ކޮލެޖުގެ ޑީންއަކަށް ޑރ.ޝީޒާ އައްޔަން ކުރުމާއެކު، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ.ޝީޒާ ވިދާޅުވީ މި ކޮލެޖްގައި ތައުލީމް ހާސިލްކޮށްގެން ނުކުންނަ ހުރިހާ ދަރިވަރުންނަކީވެސް ކާމިޔާބު އަދި މިދާއިރާގެ ޤާބިލްބަޔަކަށް ހެއްދެވުމަށް ކުރެވެންހުރި ހުރިހައި މަސައްކަތެއް ކުރައްވާނެކަމަށެވެ.

ރާއްޖޭގައި މުޅީން އަލަށް ޤާއިމުކުރި މެޑިކަލް ކޮލެޖުން ފުރަތަމަ ތަމްރީން ކުރަމުންދާނީ ޢާންމުބަލިތަކުގެ ޑޮކްޓަރުން ނަމަވެސް އުއްމީދަކީ ދާދިއަވަހަށް ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމުގެ މަސައްކަތް އެކޮލެޖުގައި ފެށުންކަމަށް ޑރ.ޝީޒާ ވިދާޅުވިއެވެ.

ޖުމުލަ 37 ދަރިވަރަކާއެކު ކިޔަވައިދޭން ފެށުމަށް މިހާރު ތައްޔާރުވެފައިވާ މި މެޑިކަލް ކޮލެޖްގައި ކިޔަވަމުންދާ ދަރިވަރުން ޢަމަލީ ތަމްރީން ލިބިގަތުމަށް ހަމަޖެހިފައިވަނީ އައި.ޖީ.އެމް ހޮސްޕިޓަލުންނެވެ.