ޚަބަރު

މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ ގާލާ އަންނަ މަހު


މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ ގާލާ އަންނަ މަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް (މަޓާޓޯ) އިން ބުނެފިއެވެ. މަޓާޓޯއިން ބުނީ މިހާރު ކުރިއަށްދަނީ ޖަޖިންގ ގެ މަސައްކަތްކަމަށެވެ. އަދި މިމަހުގެ 25 ގެ ނިޔަލަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށްވެސް މަޓާޓޯއިން ބުނެއެވެ.

މޯލްޑިވްސް ޓްރެވެލް އެވޯޑްސް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފްވެރި އެވޯޑެވެ. މިއަހަރުގެ އެވޯޑަށް 27 ދާއިރާއަކުން 250 އަށްވުރެ ގިނަ ފަރާތުން ވާދަކުރެއެވެ.

ސެޕްޓެމްބަރ މަހުގެ ތެރޭގައިވަނީ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަން ބާއްވާފައެވެ. މިއަހަރުގެ ގެސްޓްހައުސް އެޑިޝަންއަށް 120 އަށްވުރެ ގިނަ ނޮމިނޭޝަން ލިބިފައިވާއިރު މިފަހަރުގެ އެވޯޑްވެސްވަނީ ފަތުރުވެރިކަމާއި ދަތުރުފަތުރާ ބެހޭ ގޮތުން މަޢުލޫމާތު ހިމެނޭ ވެބްސައިޓް ޓްރިޕް އެޑްވައިޒާއިން ރިވިއުކޮށްފައެވެ.

ގެސްޓްހައުސް އެޑިޝަން ބޭއްވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ ހެރިޓޭޖް އައިލެންޑް ފަރުކޮޅުފުށީގައެވެ. މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ މިއަހަރުގެ އެޑިޝަން ރަސްމީކޮށް އިފްތިތާޙްކުރީ ކޮކޯ ބޮޑުހިތި ރިސޯޓްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިއަހަރުގެ މާރޗް މަހުގައެވެ.