ޚަބަރު

މާޓާޓޯގެ އެގްޒެކެޓިވް ބޯޑް އެކުލަވާލަނީ


މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެންޑް ޓުއާ އޮޕަރޭޓާރސް މަޓާޓޯގެ އެގްޒެކެޓިވް ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މަޓާޓޯގެ އެގްޒެކެޓިވް ބޯޑަކީ ކޮންމެ ދެއަހަރަކުން އެއްއަހަރަކު މަޓާޓޯއިން އެކުލަވާލާ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ.

މަޓާޓޯއިން ބުނީ އެގްޒެކެޓިވް ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ އެއްތިރީހާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ. އަދި ކެންޑިޑޭޓުންގެ ނަންތައް ނަތީޖާ ފާޅުކުރުމުގެ ފަނަރަ ދުވަސްކުރިން އިޢުލާންކުރާއިރު މި ކެންޑިޑޭޓުންނަށް ވޯޓުލެވޭނީ މަޓާޓޯގެ މެމްބަރުންނަށް އެކަނިކަމަށް މަޓާޓޯއިން ބުނެއެވެ. މަޓާޓޯގެ އައު އެގްޒެކެޓިވް ބޯޑުގެ މެމްބަރުންގެ ނަންތައް ޢިއުލާނުކުރުން އޮންނާނީ އަންނަ ނޮވެމްބަރު މަހު މަޓާޓޯއިން ބާއްވާ ޖެނަރަލް މީޓީންގގެ ތެރއިންނެވެ.

މަޓާޓޯއިން އައުބޯޑު އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާއިރު މިހާރުގެ އެގްޒެކެޓިވް ބޯޑުގެ ރައީސަކަށް ހުންނަވަނީ އިނަރ މޯލްޑިވްސް ރިސޯޓްގެ އަބްދުﷲ ރިޔާޒެވެ. އަދި ނައިބުރައީސުންނަށް ތިއްބަވަނީ ޓްރޮޕިކަލް ކަލެކްޝަންގެ އަބްދުﷲ ސުއޫދާއި ޔޮޓް ޓުއާސް މޯލްޑިވްސްގެ އިބްރާހިމް ޝިހާމެވެ.

މަޓާޓޯއަކީ 2006ވަނަ އަހަރުން ފެށިގެން ރާއްޖޭއާއި ރާއްޖެއިން ބޭރުގައި ދިވެހި ފަތުރުވެރިކަމުގެ ދާއިރާ އިޝްތިހާރުކުރަމުންދާ އެންމެ އިސް ޖަމުޢިއްޔާއެކެވެ. ފާއިތުވި އަހަރުތަކުގައި މަޓާޓޯއިން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.