ޚަބަރު

މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތުގެ ގޮނޑި ނުގެއްލޭ- ސުޕްރީމް ކޯޓް


ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތުގެ ގޮނޑި ގެއްލިފައިވާކަމަށް، އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާޠިލްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާއެއްގެ މެމްބަރުންގެ ގޮނޑިއާމެދު ގޮތެއް ނިންމުމަށް ސްޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުން އިއްވި ޙުކުމުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ގެއްލިފައިވާކަމަށް 18 ޖުލައި 2018 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ނިންމުން ބާޠިލް ކަމަށެވެ.

ސްޕްރީމް ކޯޓުން ބުނީ މިދިޔަ އަހަރުގެ މާޗް މަހުގެ 28ގައި ޕީޕީއެމްގެ މެންބަރުކަމުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވަކިކޮށްފައިވާ ކަމަށާއި ޕީޕީއެމްގެ އަސާސީ ޤަވައިދުގެ ދަށުން އެމައްސަލަ އިސްތިއުނާފް ކުރެވޭނީ އޭނާއަށް ކަމަށެވެ. އަދި ޕީޕީއެމަށް އެމައްސަލަ އިސްތިއުނާފް ކޮށް އަލުން އޭނާ ޕާޓީން ވަކިނުކުރާ ކަމަށް ނުނިންމޭނެ ކަމަށް ކޯޓުގެ ޙުކުގައި ވެއެވެ.

މަޖިލީހަށް އިންތިޚާބުވި ޕާޓީން، ޖުލައި 13، 2017ގެ ތާރީޚަށް ފަހު ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، އެ މީހަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން މުޙައްމަދު ވަޙީދުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އެވެ. ނަމަވެސް، މުޙައްމަދު ވަޙީދާއި އޭނާގެ ވަކީލުން ކޯޓުގައި ބުނެފައި ވަނީ ސްޕްރީމް ކޯޓުގެ ހުކުމް އިއްވުމުގެ ކުރިން، ޕީޕީއެމުން އޭނާ ވަކިކޮށްފައިވާ ކަމަށެވެ.

ސްޕްރީމް ކޯޓުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަހީދާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިންގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުންވެސް މިއަދު ހެނދުނު ބާޠިލް ކޮށްފައެވެ.