ޚަބަރު

ހޮޓެލް އޭޝިއާ އެގްޒިބިޝަން އަންނަ ބުދަދުވަހު ފަށަނީ


ކެއްކުމުގެ ހުނަރު ދައްކާލުމުގެ ބޮޑު މުބާރާތެއް ހިމެނޭގޮތަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ހޮސްޕިޓާލިޓީ މައުރަޒު "ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް"ގެ މިއަހަރުގެ އެޑިޝަން އަންނަ ބުދަދުވަހު ފަށަން ނިންމައިފިއެވެ.

މި މައުރަޒު މި މަހުގެ ދިހަވަނަ ދުވަހު ފަށާއިރު، މައުރަޒުގެތެރެއިން މި މަހުގެ 9 އަކުން 12 އަށް ކެއްކުމުގެ ހުނަރު ދައްކާލުމުގެ މުބާރާތެއްވެސް ކުރިޔަށްގެންދާނެކަމަށް މަޢުލޫމާތު ލިބެއެވެ. މިއަހަރުގެ މައުރަޒުގައި 160 ސްޓޯލް ހުންނާނެއެވެ.

މިއަހަރުގެ ހޮޓެލް އޭޝިޔާ އެގްޒިބިޝަނުގައި ރާއްޖެ ހިމެނޭހެން 17 ޤައުމަކުން 72 ބްރޭންޑެއް ދައްކާލާނެއެވެ. މީގެ ތެރޭގައި ޔޫރަޕްގެ ޤައުމުތަކާއި އަޝިއާގެ ޤައުމުތައް ހިމެނެއެވެ.
މި އެކްޒިބިޝަނުގައި ރާއްޖޭގެ 72 ރިސޯޓުން ބައިވެރިވާއިރު 620 ޝެފުން ބައިވެރިވެއެވެ. އަދި މީގެ ތެރެއިން ގާތްގަޑަކަށް 300 މީހުންނަކީ ދިވެހި ޝެފުންނެވެ.

"ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް"އާ ގުޅޭގޮތުން މަޢުލޫމާތުދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސްގެ ޖެނެރަލް މެނޭޖަރ ޙުސްނީ ރައުފް ވިދާޅުވީ މިއަހަރުގެ ކަލިނަރީ ޗެލެންޖްގައި ލައިވްކޮށް ކެއްކުމަށް ހަމަޖިފައިވާކަމަށެވެ. އަދި މިއަހަރު މުޅިން އަލަށް މޯލްޑިވްސް ބަރިސްތަރ ޗެލެންޖެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން މި މުބާރާތުގައި 25 މީހުން ބައިވެރިވާކަމަށް ރައުފް ވިދާޅުވިއެވެ.

ބެސްޓްބައި މޯލްޑިވްސްގެ ހެޑް އޮފް މާރކެޓިން ޢަލީ އަފްރާހް ޙަސަން ވިދާޅުވީ މިފަހަރުގެ ކަލިނަރީ ޗެލެންޖުން ރަންވަނައަށް ދާ ފަރާތްތަކަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޝެފުންނާ ވާދަކޮށް ރާއްޖެ ތަމްސީލުކުރުމުގެ ފުރުޞަތު ހުޅުވާލެވޭނެކަމަށެވެ. އަދި މީގެ ކުރިންވެސް މި ބައްރުގެ ޤައުމުތަކަށް ދިވެހި ޝެފުން ފޮނުވާފައިވާއިރު، ވަރަށް ގިނަ ޝެފުން ރަންވަނަތަކެއް ހޯދާފައިވާކަން އަފްރާޙު ވަނީ ފާހަގަކޮށްފައެވެ. އަދި މިއަހަރުގެ މި އެގްޒިބިޝަންގައި މުޅިން އަލަށް 4 ބްރޭންޑެއް ތަޢާރަފްކުރާނެކަމަސްވެސް އަފްރާހް ވިދާޅުވިއެވެ.

ދެހާސްވަނަ އަހަރުން ފެށިގެން ބާއްވަމުންއަންނަ "ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް" އަކީ ކެއްކުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ބާއްވަމުން އަންނަ އެންމެ ބޮޑު އެއް ފެއަރއެވެ. މި ފެއަރގެ އެންމެ މުހިންމު އެއް މަޤުޞަދަކީ ހޮސްޕިޓާލިޓީ ދާއިރާގައި ޚިދުމަތްދޭ ފަރާތްތަކާއި، ސަޕްލައިކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ ބަދަހި ގުޅުމެއް އުފެއްދުމެވެ.

"ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް" 2018 ކުރިއަށްދާނީ މައުރަޒަކާއި ކެއްކުމުގެ ހުނަރު ދައްކާލުމުގެ މުބާރާތަކާއެކުގައެވެ. އެގޮތުން މިއަހަރުގެ "ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް" އިންތިޒާމުކުރަނީ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސްގެ ފަރާތުންނެވެ. ޓޫރިޒަމް މިނިސްޓްރީއާއި، އެކޮނޮމިކް މިނިސްޓްރީއާއި، ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމިއްޔާގެ އިތުރުން ބެސްޓްބައި މޯލްޑިވްސްއިން ވަނީ މި އެގްޒިބިޝަން އެންޑޯޒް ކޮށްފައެވެ.

މި އެގްޒިބިޝަނަކީ "ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް"ގެ 14 ވަނަ އެޑިޝަނެވެ.