ޚަބަރު

"ބްރާންޗްލެސް ބޭންކިން"ގެ ޚިދުމަތް އައްޑޫސިޓީގައި ފަށަނީ


ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް)އިން "ބްރާންޗްލެސް ބޭންކިންގ"ގެ ޚިދުމަތް އައްޑޫގައި ތަޢާރަފްކޮށްފިއެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑާގުޅިގެން ސީބީއެމް އިން ފަށާފައިވާ މިޚިދުމަތުގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ މޯލްޑިވްސް ޕޯސްޓްގެ އައުޓްލެޓްތަކުން ބޭންކިންގގެ ގިނަ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް އެފަރާތުންބުނެއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސީބީއެމްއިން ބުނެފައިވަނީ އޭޓީއެމް ކާޑު ހެއްދުމާއި އޮންލައިން ބޭންކިންގެ ޚިދުމަތްތަށް އެދިވެސް މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ހުށަހެޅޭނެކަމަށެވެ. ސީބީއެމްގައި ދިވެހި ރުފިޔާއިންނާއި ޑޮލަރުންވެސް އެކައުންޓް ހުޅުވޭނެކަމަށާއި، ދިވެހި ރުފިޔާއިން ސޭވިންގްސް އެކައުންޓެއް ހުޅުވޭނީ މަދުވެގެން 500 ރުފިޔާ ދައްކައިގެން ކަމަށްވާއިރު، ޑޮލަރު އެކައުންޓެއް ހުޅުވުމަށް މަދުވެގެން 50 ޑޮލަރު ޑިޕޮސިޓް ކުރަންޖެހެއެވެ.

އެގޮތުން ދުވާލެއްގެ މައްޗަށް 10000 ރުފިޔާއާއި 1000 ޑޮލަރާއި ދެމެދުގެ މުޢާމަލާތްތައް ސީބީއެމް ސޭވިންގްސް އެކައުންޓް މެދުވެރިކޮށް ކުރެވޭނެ ކަމަށްވެސް އެފަރާތުން ބުނެއެވެ. ބްރާންޗްލެސް ބޭންކިންގގެ ދަށުން މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް އޭޓީއެމްކާޑަށް އެދި ހުށަހެޅޭއިރު، ކާޑު ތައްޔާރުވުމުން އެތަނުން ކާޑު ލިބޭނެގޮތް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ސީބީއެމްގެ ކާޑުތައް ބޭނުންކޮށްގެން މޯލްޑިވްސް ޕޯސްޓްގެ ބްރާންޗުތަކުގައި ޤާއިމްކޮށްފައިވާ ޕީއޯއެސް ޓާމިނަލްތަކުން ފައިސާޖަމާކުރުމާއި ނެގުމުގެ ޚިދުމަތް ވެސް ލިބޭނެކަމަށްވެސް ސީބީއެމްއިން ބުނެފައިވެއެވެ.

މީގެ އިތުރުން އޮންލައިން ބޭންކިންގއަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް އެޚިދުމަތް ލިބޭނެކަމަށާއި، އެއްވެސް ފީއަކާ ނުލައި މުޅިން ހިލޭ އީ-ޕާސްބުކް އެކްޓިވޭޓް ކުރެވޭނެކަމަށްވެސް އެފަރާތުން ބުނެއެވެ. ސީބީއެމް އިން ބްރާންޗްލެސް ބޭންކިންގގެ ޚިދުމަތް ފޯރުކޮށްދެނީ އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ އިތުރުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށެވެ.