ހުޅުމާލޭ ދެވަނަ ފިޔަވަހިން ހަތަރުސަތޭކަ ގޯތި ދޫކުރަން ހައުސިންގް މިނިސްޓްރީން ނިންމި ނިންމުން ވަގުތީގޮތުން މެދުކަނޑާލަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަންގައިފިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީން އިޢުލާންކުރުމާ ގުޅިގެން އޭސީސީން ހައުސިންގް މިނިސްޓަރ ޑރ.މުހައްމަދު މުޢިއްޒަށް ފޮނުވާފައިވާ ސިޓީއެއްގައި އެކޮމިޝަނުންވަނީ، މި ފުރުޞަތާގުޅިގެން އޭސީސީއަށް ހުށަހެޅުނު ޝަކުވާތައްބެލުމުގައި ޤާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމާއި ކޮރަޕްޝަނަށް މަގުފަހިވާފަދަ ތުހުމަތުކުރެވިފައިވާތީ އެކޮމިޝަނުން އެ މައްސަލަބަލަން ނިންމާފައިވާކަމަށް ބުނެފައެވެ.
އެހެންކަމުން މިމައްސަލަ ބަލައި ނިމެންދެން ހުޅުމާލެ 2 ވަނަ ފިޔަވަހިން 400 ގޯތި ދޫކުރުމަށް ނިންމާވައިފައިވާ ނިންމުން ވަގުތީގޮތުން މެދުނޑާލުމަށް އޭސީސީގެ ސިޓީގައި ހައުސިންގ މިނިސްޓްރީއަށް އަންގާފައިވެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން 400 ގޯތި ދޫކުރުމަށް މިދަނޑިވަޅުގައި ސަރުކާރުން ނިންމި ނިންމުމަކީ ބަލައިގަނެވޭނެ ނިންމުމެއްނޫންކަމަށް ނިމިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރި އެމްޑީޕީންވެސް ވަނީ ބުނެފައެވެ.
ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ދިމާވެފައިވާ މީހުންނަށް ޚާއްޞަކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ދޫކުރުމަށް ސަރުކާރުން ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ފޯމްތައް ބަލައިގަންނާނެކަމަށް ހައުސިންގް މިނިސްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައިއެވެ.