ޚަބަރު

ރައީސް މުންތަޚައްބު އިބްރާހިމް މުޙައްމަދު ޞާލިޙް ނުރަސްމީ ދަތުރުފުޅެއްގައި މިރޭ ރާއްޖެއިން ބޭރަށް ވަޑައިގަންނަވަނީ


ރައީސް މުންތަޚައްބު އިބްރާހިމް މުޙައްމަދު ޞާލިޙް ނުރަސްމީ ދަތުރުފުޅެއްގައި މިރޭ ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް އެމަނިކުފާނުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވައި ރައީސް މުންތަޚައްބު އިބްރާހިމް މުޙައްމަދު ޞާލިޙްގެ ތަރުޖަމާން މައްޗަންގޮޅި އުތުރުދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، ރައީސް މުންތަޚައްބު އިބްރާހިމް މުޙައްމަދު ޞާލިޙް ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅެއްގައި މިރޭ ފުރައިވަޑައިގަންނަވާނެކަމަށާއި، އެދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށެވެ.

ރައީސް މުންތަޚައްބު އިބްރާހިމް މުޙައްމަދު ޞާލިޙްގެ ފާރާތްޕުޅުން، މަޢުލޫމާތު ހާމަކުރެއްވުމަށް ސިލްސިލާގޮތެއްގައި ބާއްވާ މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނުގެ ތަރުޖަމާން މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމެވި ނިންމެވުމަށް ސަރުކާރުގެ ހުރިހާ ވަޒީރުންވެސް އިޙްތިރާމްކުރަން ޖެހޭކަމަށެވެ. އަދި ވެރިކަން ބަދަލުކުރުމުގެ މި މަރުހަލާގައި ކަންކަން އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ޓްރާންސިޝަންގެ ކަންކަން ސިޔާސީގޮތުން ބަލަހައްޓަވާ ފަރާތުންވެސް ސިޓީ ފޮނުވާފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާވަނީ ސަރުކާރުގެ ބައެއް ވުޒާރާތަކުން މި ދަނޑިވަޅުގައި ކަންބޮޑުވާފަދަ ކަންތައްތަކެއް ކުރަމުންދާކަމަށް ތުހުމަތުކުރައްވާ، މި ދަނޑިވަޅުގައި ޤާނޫނާ ޚިލާފް އެއްވެސް ކަމެއް ނުކުރުމަށް ގޮވާލާފައެެވެ.