ޚަބަރު

ކޮންޓްރޯލްޑްރަގް ލިޔާ ބޭސްސިޓީގެ ވަގު ފޮތްތަކެއް ދައުރުވަނީ


ފާމަސީތަކުން ކޮންޓްރޯލްޑްރަގް ލިޔުމަށް ޚާއްޞަކޮށްފައިވާ ބޭސްސިޓީގެ ވަގު ފޮތްތަކެއް ޗާޕްކޮށްގެން ދައުރުވަމުންދާ ކަމަށާ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އެމިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ކޮންޓްރޯލްޑްރަގް ލިޔުމަށް ޚާއްޞަކޮށްފައިވާ ބޭސް ސިޓީތައް ކޮންމެ ތިން މަހުން އެއްމަހު އެ އޮތޯރިޓީއަށް ފޮނުވުމުން އެތަކެތި އިވެލުއޭޓްކޮށް ބޭސް ވިއްކާފައިވާގޮތް ބަލަމުންގެންދާކަމަށާ އެގޮތަށް ބެލިބެލުމުން އެއޮތޯރިޓީން ޕްރިސްކްރިޕްޝަން ވިއްކުމަށް ޙަވާލުކޮށްފައިވާ ފަރާތްނޫން އެހެން ފަރާތްތަކުން ކޮންޓްރޯލް ޑްރަގް ޕްރިސްކްރިޕްޝަން ފޮތް ޗާޕްކޮށްފައިވާކަން އެ އޮތޯރިޓީއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ހެލްތް މިނިސްޓްރީން ބުނީ ކޮންޓްރޯލްޑްރަގް ލިޔުމަށް ޚާއްޞަކޮށްފައިވާ ބޭސް ސިޓީގެ ވަގު ފޮތްތަކެއް ޗާޕްކޮށްގެން ދައުރުކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި މިހާރު ޗާޕް ކުރަމުންދާ ވަގު ބޭސް ސިޓީތަކުގައި އެ އޮތޯރިޓީން ފާސްކޮށްފައިވާ ބޭސް ސިޓީގެ ކުލައާއި ޗާޕްކޮށްފައިވާ ކަރުދާހުގައިވެސް ތަފާތެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން އެކަންކަން ބެލުމަށްފަހު ކަމާގުޅޭ އިދާރާތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާވެސް ހެލްތް މިނިސްޓްރީން ބުނެއެވެ. ފާމަސީތަކުން ކޮންޓްރޯލް ޑްރަގް ބޭސް ސިޓީއަށް ބޭސް ދޫކުރާއިރު ބޭސް ސިޓީގެ ކުލައާއި ބޭސް ސިޓީ ޗާޕްކޮށްފައިވާ ކަރުދާސް ޗެކް ކުރުމަށް ސަމާލުކަން ދިނުމަށާއި ބޭސް ސިޓީގެ ޞައްހަ ކަމާމެދު އެއްވެސް ޝައްކެއް އުފެދޭނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް އެންގުމަށްވެސް ހެލްތް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މަސްތުވާ ތަކެއްޗާބެހޭ ޤާނޫނުގެ ޖަދުވަލު 2 ގައިވާ ގޮތުން ބޭހުގެ ގޮތުގައި ބޭނުންކުރެވޭ އެއިން އެއްވެސް މިންވަރަކަށް މަސްތުވެޑާނެ އެއްޗަކީ ކޮންޓްރޯލް ޑްރަގްސްގރ ގޮތުގައި ކަނޑައެޅިފައިވާތަކެއްޗެވެ. އަދި މިތަކެތި ޚާއްޞަ މިންގަނޑެއްގެދަށުން މޮނިޓަރކޮށް ބަލަހައްޓަންޖެހެއެވެ.