ޚަބަރު

އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުން ރާއްޖެއަށް ނުރައްކަލެއް ނެތް - މެޓް އޮފީސް


އަރަބި ކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވިޔަސް އޭގެ ނުރައްކަލެއް ރާއްޖެއަށް ނެތްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަަށް މައުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، އަރަބި ކަނޑުގައި އުފެދިފައިވަނީ ބާރުގަދަ ކޮޅިގަނޑެއް ކަމަށާއި އެ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް އެ ކޮޅިގަނޑު އުފެދިފައިވަނީ ރާއްޖެއާއި ދުރު ހިސާބެއްގައިކަމުން ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

‎ރާއްޖޭގެ އެކި ކަންކޮޅުތަކަކަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސުމަށް ސަމާލުވުމަށް އަންގާ، ބައެއް ސަރަޙައްދުތަކަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. މިގޮތުން ނ. އަތޮޅާއި ތ.އަތޮޅާއި ދެމެދުގެ ސަރަޙައްދުތަކަށް ވައިޓް އެލާޓް ނެރެފައިވާއިރު، މި ސަރަހައްދުތަކުގައި ވައިގަދަވެ، ކަނޑު ގަދަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން، ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.