ޚަބަރު

އިންތިޚާބު ދިޔައީ ހީކުރި ވަރަށްވުރެވެސް އަމާންކޮށް ކަމަށް ބޭރުގެ ފަރާތްތަކުން ބުނި - މާރިޔާ


ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކަންކަން ދިޔައީ ހީކުރިވަރަށް ވުރެވެސް އަމާންކަމާއި އެކީގައި ކަމަށް ދުނިޔޭގެ ޤައުމުތަކުން ބުނަމުންދާ ކަމަށް އިބްރާޙިމް މުހައްމަދު ޞާލިޙުގެ ތަރުޖަމާން މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސޯލްޓް ކެފޭގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިން އިންތިޚާބީ ރައީސަށް ފޯނުން ގުޅުއްވާ މަރުޙަބާ ދަންނަވަމުންދާ ކަމަށެވެ. އަދި އިންތިޚާބުގެ ކުރިން އިވެމުން ދިޔަ އަޑުތަކާއި ޚިލާފަށް އިންތިޚާބުގެ ކަންކަން އަމާންކަމާއި އެކީގައި ދިޔަކަން ބޭރު ދުނިޔެއިން ޤަބޫލުކޮށްފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"ދެން މި ހުރިހާ ކަމަކުންވެސް ފެންނަނީ ދުނިޔޭގެ ތަންތަނުން އިންތިޚާބު ވަރަށް ގާތުން އެމީހުން ބަލަމުން ދިޔަކަން. އަދި އެމީހުންނަށްވެސް ހީކުރެވިފައި އޮތީ ވަރަށް ބައިވަރު ކަންކަން ހިނގައިގެންދާނެ ކަމަށް. ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެން ޕްރެސްގަައި ބުނަމުން ދިޔައިން ވޯޓަރސް ލިސްޓުގެ ވާހަކައާ ޕީޕީއެމްއިން މިވެނި ކަންކަމާއި ކީއްވެހޭ ކަންބޮޑުނުވަނީ މިގޮތަށް އެތައް ބައިވަރު ވާހަކަތަކެއް ދައްކަމުން ދައްކަމުން ގޮސް އައި އިންތިޚާބެއް މިއީ. އެހެންވީމަ އިންތިޚާބުގެ ހުރިހާ ކަމެއްވެސް ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް ދިޔައީ ވަރަށް ގާތުން ބަލަމުން،" މާރިޔާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު އިބްރާޙީމް މުޙައްމަދު ޞާލިޙު ކާމިޔާބު ކުރެއްވުމާއި އެކު ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިން މަރުޙަބާ ދަންނަވަމުންދާއިރު ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަންވެސް ކުރިއަށް ދަނީ ވަރަށް އޮމާން ކަމާއި އެކީގައި ކަމަށް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ފަރާތުން ވެރިކަން ބަދަލުވުމުގެ ކަންކަމުގައި އުޅުއްވާ އެންމެ އިސް ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.