ޚަބަރު

ޝަކުވާތަކަށް ޖަވާބުދާރީނުވެ އީސީގެ މެންބަރުންތަކެއް ރާއްޖެއިން ބޭރަށް ފުރުމަކީ ކަންބޮޑުވާކަމެއް- ޕީޕީއެމް


ރިޔާސީ އިންތިޚާބަށްފަހު، އިންތިޚާބާގުޅޭ މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންތަކެއް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޕާޓިގެ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރު، ކެލާދާއިރާގެ މެންބަރު ޢަލީ ޢާރިފް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލައިފައިވާކަމަށް ތުހުމަތުކުރެވެމުންދާ މި ދަނޑިވަޅުގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ އަމަލުތައް ހުރި ގޮތުން، އިންތިޚާބުގެ ނަތީޖާއާމެދު އިތުރަށް ސުވާލު އުފެދޭކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ޝަކުވާތައް ހުށެހެޅުމަށް ހުޅުވި ކޮމްޕްލެއިންސް ބިއުރޯ ބަންދުކުރުމަކީވެސް އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވާކަމެއްކަމަށް އޭނާ ވިދާޅުވި. ޢަލީ އާރިފް ވަނީ އާންމުންގެ މި ކަންބޮޑުވުމަށް ޖަވާބުދާރީވުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފައެވެ.

ޕީޕީއެމުން ވަނީ ރިޔާސީ އިންތިޚާބުގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހިނގާފައިވާކަމަށްބުނެ އެމައްސަލަތައް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައެވެ. އެ ޕާޓީން ބުނީ މި މައްސަލަތައް ބަލައި އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭނެކަމަށެވެ.