ޚަބަރު

ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަން ދަނީ އޮމާންކޮށް - ޝާހިދު


ވެރިކަން ބަދަލު ކުރުމުގެ މަރުޙަލާގެ ކަންކަން ކުރިއަށް ދަނީ އޮމާންކަމާއި އެކީގައި ކަމަށް ޗެއާމަން އޮފް ޓްރާންސިޝަން ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގައި މިއަދު ހެނދުނު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުން މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ޢަބްދުﷲ ޝާހިދު ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ތެރެއިން މިހާރު 9 މިނިސްޓްރީއަކާއި ބައްދަލުކޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުންތަކުގެ ބޭރުން ކޮންމެ މިނިސްޓަރެއްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކޮށްފައިވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް އެއްވެސް މަޝްވަރާ ބައްދަލުވުމެއްގައި މިނިސްޓަރަކު ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ތެރެއިން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވަމުން ދަނީ ސިވިލް ސަރވަންޓުން ކަމަށެވެ.

ޝާހިދު ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު ވެރިކަމުގެ ހުވާ ކުރެއްވުމާއި ހަމައަށް ހިނގަމުންދާ ދުވަސްތަކަކީ މިހާރުގެ ސަރުކާރުން އެއްވެސް ކަމެއްގައި މުއާމަލާތްތަކެއް ހިންގުމަށް ޤާނޫނީ ހުއްދަ ލިބިގެންވާ ދުވަސްވަރެއް ނޫން ކަމަށެވެ. ނަމަވެސް މަދުން ނަމަވެސް ޤާނޫނުގައި ބަޔާންވެގެން ނުވާ އެތައް ކަމެއް ސަރުކާރުން ކުރަމުންދާ ކަމުގެ ވާހަކަތައް އަޑުއިވޭ ކަމަށާއި އެފަދަ ކަމެއް ކުރިއަށްދާނަމަ އެކަންކަން ނުކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ސަރުކާރު އިދާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އުޞޫލެއް ހަމައެއް ނެތި ޕްރޮމޯޝަން ދެއްވުމާއި މަޤާމުގެ ކުރިއެރުން ދެއްވުން މުސާރަ ބޮޑު ކުރެއްވުން ޕްރޮޖެކްޓުތަކުގައި ސޮއި ކުރައްވަމުން ގެންދިއުން ސަރުކާރުގެ އެސެޓްސް ގޯތި ފްލެޓު އަދި އެ ނޫންވެސް އެއްޗެހި ހަމައެއް އުޞޫލެއް ނެތި ވިއްކަމުން ގެންދިއުމުގެ މަޢުލޫމާތުގެ ތަފާތު ޚަބަރުތައް މީސް މީޑިއާގައި އަދި މައި މީޑިއާގައިވެސް ފެތުރެމުންދޭ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ޓްރާންސިޝަންގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅުގައި އެންމެ ބޮޑު އަމާޒެއް ދެމުން ދަނީ މިހާރުވެސް މި ސަރުކާރުން ދެމުންދާ ހިދުމަތްތައް އާ ސަރުކާރުގެ ފުރަތަމަ ދުވަހުވެސް މެދުކެނޑުމެއްނެތި ލިބޭނެ ގޮތަށް ކަންކަން ބައްޓަން ކުރުމަށް ކަމަށެވެ. އޭނާ ވިދާޅުވީ އެކަން އެގޮތަށް ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ފަރާތުންވެސް އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

"ތި ވިދާޅުވިހެން ދެ މިނިސްޓްރީއަކުން ކުޑަކުޑަ ހައްސާސް ކަމެއް ދިމާވި އަޅުގަނޑަށް ހީވަނީ އެގޮތަށް މި ދިމާވަނީ ޓްރާންސިޝަން ބަދަލު އަޅުގަނޑުމެންގެ ތެރެއިން ނުފަރިތައީހެން. އަޅުގަނޑުމެން ސިޔާސީ މީހުންނަކީ ވެރިކަމުގައި އެއް ދުވަހު ރައްޔިތުން ތިޔަބައިމީހުން ތިބެން ބޭނުން ނެތޭ ބުނީމަ ދޫކޮށްލާފައި ވެރިކަން ޙަވާލުކުރާ މީހުންނަށް އެބައި ދޫކޮށްލާފައި ދުރަންޖެހިލަން ޖެހޭ މީހުން. އެހެންވީމަ ސިޔާސީ ކަންކަމުގައި ނުފަރިތަވީމަ އެހެންވެދާނެ. އަޅުގަނޑުމެން އެކަހަލަ ކަންކަމެއް އެހާ ބޮޑަކަށް ނުނަގަން،" ޝާހިދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޑިރެކްޓަރ ޖެނެރަލް ޓްރާންސިޝަން އަޙްމަދު ލަތީފް ވިދާޅުވީ މިހާރު ސަރުކާރުން ދެމުން ގެންދާ ޚިދުމަތްތައް އެއްވެސް ބުރަލަކާއި ނުލައި އިންތިޚާބީ ރައީސް ހުވާ ކުރެއްވުމާއި އެކުވެސް ލިބޭނެ ގޮތް ހެދުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ އިދާރާތަކުގެ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.