ޚަބަރު

ރާއްޖޭގެ މޫސުން ގޯސްވިނަމަވެސް، ކަނޑުމަތީގެ ޙާދިސާތައް މަދު - އެމްއެންޑީއެފް


މުޅި ރާއްޖެއަށް މޫސުމް ގޯސްވެ ވިއްސާރަކުރަމުންދިޔަ ނަމަވެސް ކަނޑުމަތީގައި ނުރައްކާތެރި ހާދިސާތައް ހިނގައިގެން ރިޕޯޓްކޮށްފައިވާ އަދަދު މަދު ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން އެހެން ފަހަރުތަކުގައި ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކާއި އަޅާ ބަލާއިރު، މިފަހަރު ކަނޑުމަތީގައި ނުރައްކާތެރި ހާދިސާތައް ހިނގައިގެން ރިޕޯޓްކޮށްފައިވާ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ދެދުވަހުވެސް ކަނޑުމަތީގެ ނުރައްކާތެރި އެއްވެސް ހާދިސާއެއް ހިނގައިގެން ރިޕޯޓްކޮށްފައި ނުވާކަމަށް ކެޕްޓަން އާޒިމް ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ވިދާޅުވީ ރާއްޖޭގެ މޫސުން ގޯސްވި ނަމަވެސް ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުވެފައިވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކާއި ޢާންމު ރައްޔިތުން އެކަމަށް ހޭލުންތެރިވެފައިވާތީކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ދޭ މައުލޫމާތަށް ހުރިހާ ރައްޔިތުން ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ.

ވިއްސާރަ މޫސުމުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާއިބެހޭ އިދާރާގެ ލަފަޔާ އިރުޝާދުގެ ދަށުން ޢަމަލުކުރުމަކީ ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވުމަށް އޮތް އެއްމެ އެކަށީގެންވާ މަގު ކަން ފާހަގަކުރައްވައި ކެޕްޓަން އިބްރަހީމް އާޒިމް ވިދާޅުވީ، މި ދުވަސްވަރު ކަނޑުދަތުރެއް ކުރަން ޖެހުނުނަމަވެސް ސަލާމަތީގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާފައި ހުރިކަން ފުރިހަމައަށް ކަށަވަރުކޮށްގެން ނޫނީ ދަތުރު ނުކުރުމަށް އެމްއެންޑީއެފުން އިލްތިމާސްކުރާކަމަށެވެ. އަދި ކަނޑުމަތީގައި އެއްވެސް ހާދިސާއެއް ހިނގައިފިނަމަ ކޯސްޓްގާޑާ އެމަޢުލޫމާތު ޙިއްޞާކުރުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ.

ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގާ ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިޞާތަކުގެ އަދަދު މަދުވިނަމަވެސް ރާއްޖޭގެ އެކިކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވުމުގެ ސަބަބުން ބައެއް އިމާރާތްތަކާއި މީހުންގެ މުދަލަށް ބައެއް ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. ރާއްޖެގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ގަދަ ވަޔާއެކު ވިއްސާރަކުރަމުންދާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.