ޚަބަރު

މިއަހަރުގެ ޓީޗަރުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަމުން އެބަދޭ


ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމަށް ދޭންޖެހޭ ތަމްރީނުދީ، ޓީޗަރުންނަކީ އޯގާތެރި, ތަރުބަވީތަޢުލީމެއް ދަރިވަރުންނަށް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާނެ ހުނަރު ދަސްކޮށްގެން ތިބި ބަޔަކަށް ހެދުމަށް ވޭތުވެދިޔަ ފަސް އަހަރުދުވަހުގެތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޓީޗަރުންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ހުރިހައި ޓީޗަރުންނަށް، ފޮނުއްވައި ޢާއްމުކުރެއްވި މެސެޖުގައި އެކަމަނާވަނީ ޓީޗަރުންގެ ފެންވަރު މަތިކުރުމަށާއި، ހަރުދަނާކުރުމަށް ކޮށްފައިވާ ބައެއް ކަންކަން ފާހަގަކުރައްވާފައެވެ.

މި މަސައްކަތްތަކުގެ ފައިދާ ދަރިވަރުންނަށް މިހާރުވެސް ކުރަމުންދާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށް ސްކޫލުތަކާއި ބެލެނިވެރިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި މިނިސްޓަރ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ޓީޗަރުންގެ ދުވަހަކީ އޮކްޓޫބަރުމަހުގެ 5 ވަނަދުވަހެވެ. މިއަހަރުގެ މިދުވަސް ދިމާވަނީ ހުކުރުދުވަހަކަށް ކަމަށްވާތީ، މިހަފްތާގެ އެކިދުވަސްތަކުގައި އެކި ސްލޫކްތަކުގައި އަންނަނީ ކުލަގަދަކޮށް މިދުވަސް ފާހަގަކުރަމުންނެވެ. އަދި މިއަންނަ ހަފްތާގައިވެސް ބައެއް ސްކޫލުތަކުގައި މިދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން ދުވަހާ ގުޅޭ ޙާއްސަ އެސެމްބްލީތަކާއި ޓީޗަރުންނާއި ދަރުވަރުންގެ އެކި ޙަރަކާތްތައް ސްކޫލުތަކުގައި ކުރިއަށްގެންގޮސްފައިވެއެވެ. އަދި ބެލެނިވެރިންނާއި ދަރިވަރުންގެ ފަރާތުން މުދައްރިސުންގެ އަގު ވަޒަންކުރުމަށް އެކި ހަދިޔާވެސްވަނީ މުދައްރިސުންނަށް ދީފައެވެ.