ޚަބަރު

އިންޑޮނޭޝިޔާއަށް 15 މިލިޔަން ޑޮލަރު ދިނުމަށް އދން ނިންމައިފި


ހުކުރު ދުވަހު އިންޑޮނޭޝިޔާގެ ސުލަވަސީގެ ކައިރިން ކަނޑުގެ އަޑިން އައި ބާރުގަދަ ބިންހެލުމާއި އެރި ސުނާމީގެ ސަބަބުން ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް ބޭނުންވާ އެހީފޯރުކޮށް ދިނުމަށް އދން ފަނަރަ މިލިއަން ޑޮލަރުގެ އެހީ ކަނޑައަޅާފައިވާކަމަށް އދގެ އިންސާނީ އެހީއާ ބެހޭ އިދާރާއިން ބުނެފިއެވެ.

އދގެ އިންސާނީ އެހީއާ ބެހޭ އިދާރާގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް މާކް ލޯކޮކް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޤުދުރަތީ ޚާރިޘާތަކަށް ފަހު ޢަމަލުކުރުމުގައި އިންޑޮނޭޝިޔާގެ ސަރުކާރު ކިތަންމެ ފަރިތަވެފައި ތަޖުރިބާ ހުރި ނަމަވެސް ބައެއް ފަހަރު ބޭރުގެ ފަރާތްތަކުގެ އެހީ ހޯދަން ޖެހޭކަމަށެވެ.

ލޯކޮކް ވިދާޅުވީ، އދގ އިދާރާއިން ވަނީ ފަނަރަ މިލިއަން ޑޮލަރުގެ އެހީ މިކަމަށް ކަނޑައަޅާފައި ކަމަށެވެ. އަދި މި މުސީބާތުގެ ބޮޑު ކަމާ މިކަމުން އަރައިގަތުމުގައި ހުރި ދަތިތަކަށް ބަލާފައި އދގެ އިދާރާއާ އިންސާނީ އެހީދޭ އެހެން ޖަމާޢަތްތަކުން ދަނީ ވީހާވެސް ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރުމުގެ މަސައްކަތްތައް ހަލުވިކަމާ އެކު ކުރަމުން ކަމަށާ މިކަމުގައި އިންޑޮނޭޝިޔާގެ ސަރުކާރަށް އެހީތައް ވަމުންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ކާރިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ އެއް ހާސް ހަތަރު ސަތޭކަ އަށްވުރެ އިތުރުވެފައެވެ އިންޑޮނޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ބުނަނީ މި އަދަދު އިތުރުވުމަކީ އެކަށިގެންވާ ކަމެއް ކަމަށެވެ.