ޚަބަރު

ނޮވެމްބަރު 11 ވަނަ ދުވަހު އިންތިޚާބީ ރައީސަށް ހުވާ ކުރެވެންޖެހޭނެ- ޤާސިމް


އިންތިޚާބީ ރައީސް އިބްރާޙީމް މުޙައްމަދު ސާލިޙު، ރައީސްކަމުގެ ހުވާ ކުރައްވަންޖެހޭނީ ނޮވެމްބަރު 11 ވަނަ ދުވަހުކަމަށް ދެކެވަޑައިގަންނަވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.

އަހަރަކަށްވުރެ ގިނަ ދުވަހު ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ޖަރުމަނުވިލާތުގައި ދިރިއުޅުއްވުމަށްފަހު ރާއްޖެ ވަޑައިގެން ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ، 2013 ވަނަ އަހަރު ރައީސް ޔާމީނަށް ރައީސް ކަމުގެ ހުވާ ކުރުން ލަސްވެގެން ޒަރޫރީ ހާލަތެއް މެދުވެރިވެގެންކަމަށެވެ. ނަމަވެސް ހާއްސަ ހާލަތެއް މެދުވެރިވެގެން ކުރާކަމެއް އެގޮތުގައި ބާއްވަން ނުޖެހޭކަމަށާއި ޤާނޫނުތަކުގައިވެސް އޮތީ އެގޮތަށްކަމަށް ގާސިމް ވިދާޅުވިއެވެ.

ރިޝްވަތުގެ މައްސަލައިގައި ގާސިމްގެ މައްޗަށް އިއްވުނު ޖިނާޢީ ޙުކުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރިޝްވަތު ދިނުމަކީ ޤާނޫނީ އަދި ދީނީ ގޮތުންވެސް ހުއްދަ ކަމަކަށް ނުވާއިރު އެފަދަ ކުށެއް އޭނާ ކުރައްވާފައިނުވާކަމަށެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު ގާސިމް އިބްރާހިމް ރާއްޖެ އައުމުން ޖުމްހޫރީ ޕާޓީގެ މެމްބަރުންނާއި ސިޔާސީ ފަރާތްތަކުން ވަނީ އޭނާއަށް މަރުޙަބާ ކިޔާފައެވެ.