ޚަބަރު

އައްޑޫސިޓީ ހިތަދޫގެ ފަންނުތަކުގައި ވެލި ބަސްތާ ޖަހާ ހިމާޔަތް ކޮށްދޭނެ ފަރާތެއް ހޯދަނީ


އައްޑޫސިޓީ ހިތަދޫގެ ފަސް ފަންނެއް ހިމާޔަތްކޮށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިޢުލާން ކޮށްފިއެވެ.

ޕީއެސްއެމް އަށް މަޢުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ ޔަސްރިފް މުޙައްމަދު ވިދާޅުވީ، ރައްޔިތުންނަށް ފަންނު ތަކަށް އަރާފޭބުމުގެ ދަތިތައް ހުރުމާއެކު، ހިތަދޫގެ ފަސް ފަންނެއްގައި ސިޓީ ކައުންސިލުން ސިޑިތަކެއް ބަހައްޓާދީފައިވާކަމަށެވެ. ނަމަވެސް މިސަރަޙައްދުތަކަކީ ރާޅުއަރާ ޞަރަޙައްދުތަކަށް ވެފައި ރަށް ގިރުމުގެ މައްސަލަވެސް ކޮންމެވެސް ވަރަކަށް ފާހަގަ ކުރެވިފައި ވުމާއެކު، މިތަންތަނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި މި ޞަރަޙައްދުތައް ހިމާޔަތްކޮށް ވެލިބަސްތާ ޖެހުމަށް ނިންމާފައިވާ ކަމަށެވެ.

އައްޑޫސިޓީ ކައުންސިލުން ނެރެފައިވާ އިޢުލާނުގައި ބުނެފައިވާގޮތުގައި މި މަސައްކަތަށް ބީލަން ބަލައިގަތުމާއި، ބީލަންހުޅުވުން އޮންނާނީ މިމަހުގެ ފަނަރަ ވަނަ ދުވަހު ކައުންސިލް އިދާރާގެ ހޯލުގައެވެ.

އައްޑޫ ސިޓީ އަށް ކުރަމުންދާ ވިއްސާރައިގަ އައްޑޫ ސިޓީގެ ބައެއް ތަންތަނަށް ވަނީ އުދަައަރައި ގެއްލުންތަކެއް ވެފައެވެ.