ޚަބަރު

އަފްޣާނިސްތާނުގެ އިންތިޚާބަށް އަމާޒުކޮށް ދޭ ހަމަލާތައް އދން ކުށްވެރިކޮށްފި


މި މަހުގެ ފަހުކޮޅު އަފްޣާނިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢާއްމު އިންތިޚާބަށް އަމާޒުކޮށްގެން އެ ޤައުމުގައި ދެމުންދާ ހަމަލާތައް އދގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުޓެރޭޝް ކުށްވެރިކުރައްވައިފިއެވެ. އދގެ ސެކްޓަރީ ޖެނެރަލް މިކަން ކުށްވެރިކުރައްވާފައި މިވަނީ މިހަފުތާގެ އަންގާރަދުވަހު އަފްޣާނިސްތާނުގެ އިރުމަތީގެ ޕްރޮވިންސެއް ކަމަށްވާ ނަންގަރްހާރްގައި ކުރިއަށްގެންދިޔަ ކެމްޕޭން މުޒާހަރަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ތޭރަ މީހުން މަރުވެ ތިރީސް މީހުން ޒަޚަމްވެފައިވާ ދަނޑިވަޅެއްގައެވެ.

މިފަދަ ހަމަލާތައް ކުށްވެރިކުރައްވަމުން ގުޓޭރޭޝް ނެރުއްވި ބަޔާނުގައި ބުނެފައިވަނީ ގާސްތުގައި ޢާއްމުންނަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުމަކީ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާ ބެހޭ ޤާނޫނުތަކާ މުޅިން ޚިލާފު ކަމެއްކަމަށެވެ. ގުޓެރޭޝް ވަނީ އަފްޣާނިސްތާނުގެ ހުރިހާ ފަރާތަކުން ވެސް ސުލްހަވެރި އަދި އިންސާފުވެރި އިންތިޚާބަކަށް ފުރުޞަތު ދިނުމަށާ މިކަމަށްޓަކައި ބޭނުންވާ މާހައުލު އުފެއްދުމަށް ހުރިހާ ފަރާތަކަށްވެސް ގޮވާލައްވާފައެވެ.

މި މަހުގެ 20 ވަނަ ދުވަހު އަފްޣާނިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢާއްމު އިންތިޚާބުގެ ކެމްޕޭންކުރުން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ. އަފްޣާނިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ދުވިސައްތަ ސާޅީސް ނުވަ ގޮނޑިއަކަށް އެ ޤައުމުގެ ތިރީސް ހަތަރު ޕްރޮވިންސްގެ ތެރެއިން ތިރީސް ތިން ޕްރޮވިންސްއަކުން ދެހާސް ހަ ސަތޭކަ ނުވަދިހަ އެއް ކެނޑިޑޭޓުން މި އިންތިޚާބުގައި ވާދަކުރާނެއެވެ.

އިންތިޚާބުގެ ހަރަކާތްތަކަށް އަމާޒުކޮށް މި އަހަރު އެ ޤައުމުގެ އެކި ސަރަހައްދުތަކުގައި ދީފައިވާ ހަމަލާތަކުގައި ފަންސާހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.