ޚަބަރު

ރައީސް މައުމޫން ޕީޕީއެމް ހޯއްދަވަން ކުރައްވާ މަސައްކަތް ޑިމޮކްރަސީއާ ޚިލާފު - މުހައްމަދު ޙުސައިން ޝަރީފް


ޕީޕީއެމްގެ އައިޑިންޓެޓީ ނިގުޅައިގަތުމަށް، އެޕާޓީން ވަކިވެފައި ތިބި ބޭފުޅުން މަސައްކަތް ކުރާމުންދާއިރު މިއީ ޑިމޮކްރަސީގެ މުހިއްމު އަސާސްތަކުގެ ތެރެއިން އަސާސެއް ގެއްލުވާލުންކަމަށް ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސަފީރު ވިދާޅުވީ ނޮވްމެބަރު 17 ގައި އިބްރާހީމް މުޙައްމަދު ޞާލިހް ހުވާކުރެއްވުމަށްފަހު ރާއްޖޭގައި އިނދިކޮޅު ސިޔާސި ޕާޓީތަކެއް ނޯންނާކެމަށެވެ. އެހެންކަމުން މިހާރުވެސް އެ ޕާޓީން ކުރަމުންދާ މަސައްކަތްތަކަކީ ރައްޔިތުންގެ ޙައްގުގައި ޒިންމާދާރު އިނދިކޮޅު ޕާޓީއަކުން ކުރަންޖެހޭ މަސައްކަތްތަކެއްކަމަށެވެ. އަދި ރައީސް މައުމޫނާއި އެމަނިކުފާނަށް ތާޢީދު ކުރާ ފަރާތްތައް ގުޅިގެން ޕިޕީއެމްގެ އައިޑެންޓިޓީ ގެއްލުވާލުމަށް މަސައްކަތްކުރަމުންދާކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

"އަޅުގަނޑުމެންގެ މަސައްކަތަށް ހުރަސް އަޅަން، ކޯޓު މެދުވެރިކޮށްވެސް އަދި އެނޫން ގޮތަކުންވެސް ކުރާ މަސައްކަތަކީ ޑިމޮކްރަސީއާ ޚިލާފަށް ކުރާ މަސައްކަތެއްކަމަށް އަޅުގަނޑު ދެކެން. އަދި ރައީސް މައުމޫނާއި ރައީސް މައުމޫންގެ ބައިވެރިން އެކުރައްވާ މަސައްކަތުން އަޅުގަނޑަށް ދޭހަވަނީ ޑިމޮކްރަސީގެ މުހިންމު އަސާސަކަށް އެބޭފުޅުން ފުރަގަސްދެއްވަނީކަމަށް"

މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވިއެވެ.

މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވީ ނޮވެމްބަރު 17 ވަނަ ދުވަހު އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ހުވާކުރެއްވުމަށްފަހު އެންމެ ފުރަތަމަ މަސައްކަތަކަށް ކުރައްވާނީ ރައީސް ޔާމީންގެ ސަރުކާރަށްވުރެ ބޮޑު ސަރުކާރެއް އުފެއްދުމަށްކަމަށް ލަފާކުރެވޭކަމަށާ، ރައީސް ޔާމީންގެ ސަރުކާރުގައި 14 ވަރަކަށް ވުޒާރާ އޮތް އިރު އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރެއްގައި މިއަށްވުރެ ގިނަ ވުޒާރާތަކެއް އުފެދުމަކީ އެކަށިގެންވާކަމެއްކަމަށެވެ.