ޕީޕީއެމްއިން ފަށާފައިވާ މުޒާހަރާތަކަކީ ރައްޔިތުންގެ ޙައްޤުގައި ރައްޔިތުންގެ ޝަކުވާތައް އޮޅުން ފިލުވައިދިނުމަށް ކުރާ މުޒާހަރާތަކެއް ކަމަށް ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ނިހާން ވިދާޅުވީ ޕީޕީއެމްއިން ފަށައިގެން އުޅޭ މަސައްކަތްތަކަކީ އިންތިޚާބުން ބަލިވުމާއި ގުޅިގެން ކުރާ މަސައްކަތްތަކެއް ނޫންކަމަށާއި މިއީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ބޮޑެތި މައްސަލަތައް ހުރިކަމަށް އެޕާޓީއާއި އަދި އެޕާޓީއަށް ތާޢީދުކުރާ ގިނަ ރައްޔިތުންނަށް ޤަބޫލުކުރެވޭތީ އެރައްޔިތުންގެ ޙައްޤުގައި ކުރާ މަސައްކަތްތަކެއްކަމަށެވެ.
"މިއި ރައްޔިތުންގެ ޙައްޤުގައި އަޅުގަނޑުމެން ކުރައްވާކަމެއް. ތިބޭފުޅުންނަށް ލިބިލައްވާނެ ގެއްލުމެއްގެ ތެރެއިން ސިޔާސީ ފޮތުން ފަރުވާ ހޯދަން ޖެހޭ ހާލަތުގައި ތިބި ބަޔަކީ އަޅުގަނޑުމެން. އެކަން ތިބޭފުޅުންނަށް ކޮށްދޭން ތިބި ބަޔަކީ އަޅުގަނޑުމެން. ކަމެއް އޮޅުން ފިލައިފި ކަމުގައި ވާނަމަ އެކަމެއްގެ ވާހަކަ އަޅުގަނޑުމެން ނުދައްކަން ވީތޯއޭ" ނިހާން ވިދާޅުވިއެވެ.
އިންތިޚާބުގެ ގިނަ ކަންކަން ގޯހުން ހިނގިކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް ފާޑުވިދާޅުވަމުން ނިހާން ވިދާޅުވީ ރީ-ރެޖިސްޓްރޭޝަންގައިވެސް އަދި ވޯޓާސް ލިސްޓުގައިވެސް ގިނަ މައްސަލަތަކެއް ހުރިކަމަށް އެޕާޓީއަށް ފާހަގަކުރެވި، އެމައްސަލަތައް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާނެކަމަށާއި ވަރަށް އަވަހަށް މިކަންކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންނަށް އޮޅުންފިލުވައިދޭން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން މަޑުކޮށްލައިގެންތިބީ އެހެންނަމަވެސް މިހާހިސާބަށް ކަންތައްތައް އައިސް އޯޑިއޯތައް ލީކުވެ ކަންތައްތައް ދިޔައީމަ އަޅުގަނޑުމެން މި ބަސްބުނަނީ. މިވަހަކަތައް ދައްކަންފެށީމަ ކޮޕްލޭއިންޓްސް ބިއުރޯ ވެސް އުވާލީ." ނިހާން ވިދާޅުވިއެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ސައްޙަކަމާމެދު ޕީޕީއެމުން ސުވާލު އުފައްދަމުންދާއިރު، ޕީޕީއެމްއިން ވަނީ އިންތިޚާބުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ، އެކަމާ ދެކޮޅަށް އަޑު އުފުލުމަށް މުޒާހަރާ ކުރަން ނިންމާފައެވެ.