ޚަބަރު

އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅާފައެއް ނުވޭ- އީސީ


ރިޔާސީ އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން މިހާތަނަށް ރަސްމީ ސިފައެއްގައި އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅާފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެކޮމިޝަނުގެ މެމްބަރުންގެ ބޮލުގައި ތަފާތު އިލްޒާމްތައް އަޅުވާއި އިންތިޚާބުގެ ސައްޙަކަމާމެދު ސުވާލު އުފެއްދުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުންދާއިިރު، އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން މިހާތަނަށް ރަސްމީ ސިފައެއްގައި އެއްވެސް ޝަކުވާއެއް ހުށައަޅާފައިނުވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކުގެ ސަބަބުން އެކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުންނަށް އެކި ފަރާތްތަކުން އިންޒާރުތައް ދެމުންދާކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުން މަސައްކަތްކުރަނީ ނުފޫޒުތަކުން އެއްކިބާވެ ތިބެ، ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނުގައިވެއެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން މިހާތަނަށް ރަސްމީ ސިފައެއްގައި އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅާފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާއިރު، ޕީޕީއެމުން ވަނީ އިންތިޚާބާ ގުޅޭގޮތުން ކަންބޮޑުވާ ކަންތައްތަކެއް ހުރިކަމަށް ބުނެފައެވެ.