ޚަބަރު

އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ރިޕޯޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި


އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މެމްބަރުން އިންތިޚާބުކުރާ ދާއިރާތައް ކަނޑައަޅާފައިވާ ވަގުތީ ރިޕޯޓާ މެދު ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 21 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި މި ޝަކުވާތައް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު އަށަކުން ހަވީރު ތިންގަޑި ސުންމިނެޓަށް ބަލައިގަންނަމުންދާނޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގައި 85 މެމްބަރުން ތިއްބަވާއިރު ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓުގައި 87 ދާއިރާއަކަށް މެމްބަރުން އިންތިޚާބުކުރުމަށް ވަނީ ކަނޑައަޅާފައެވެ.

އަންނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އިތުރު ވަނީ މާލޭ ސިޓީގެ ދެ ދާއިރާއެވެ. މިހާރު މާލޭގައި ހިމެނޭ ތޭރަ ދާއިރާއާއި އަލަށް އިތުރުވާ ދެ ދާއިރާއާއިއެކު މާލޭ ސިޓީގައި ފަނަރަ ދާއިރާއަކަށް މެމްބަރުން އިންތިޚާބުކުރާނެއެވެ.