ޚަބަރު

ޔަހޫދީ ދައުލަތުގެ ޤާނޫނާ ދެކޮޅަށް ހަޅުތާލުކުރަނީ


އިސްރާއީލަކީ ހަމައެކަނި ޔަހޫދީންނަށް ޚާއްސަ ޤައުމެއްކަމަށް ކަނޑައަޅައި އިސްރާއީލުގެ ޤާނޫނުހަދާ މަޖިލީހުން ފާސްކޮށްފައިވާ ޔަހޫދީ ޤައުމިއްޔަތުގެ ޤާނޫނާ ދެކޮޅުހެދުމުގެ ގޮތުން ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣާއްޒާގައި ހަޅުތާލެއް ފަށައިފިއެވެ.

މި ހަޅުތާލުގައި ފަލަސްތީނުގެ ވިޔަފާރިތަކާއި ސްކޫލްތަކާއި ބޭންކްތަކާއި ހިއްސާގެ ބާޒާރާއި ޔުނިވަރސިޓީތައް ހުއްޓުމަކަށް އައިސްފައިވާއިރު އިސްރާއީލުގެ ރައްޔިތުންގެ ގޮތުގައި ހިމެނޭ ފަލަސްތީނު ދަރިކޮޅުގެ މީހުންވެސް މި ހަޅުތާލުގައި ބައިވެރިވެއެވެ. ރިޕޯޓްތައް ބުނާގޮތުން އިސްރާއީލުގެ އެތެރޭގައި ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދުތައްވެސް ވަނީ މި ހަޅުތާލުގެ ސަބަބުން ހުއްޓުމަކަށް ގެނެސްފައެވެ. މި ގޮތުން އެ ސަރަހައްދުގެ ވިޔަފާރިތަކާއި ސްކޫލްތަކާއި އާންމު ހަރަކާތްތައްވަނީ ހުއްޓުމަކަށް އައިސްފައެވެ.

އިސްރާއީލަކީ ހަމައެކަނި ޔަހޫދީންނަށް ޚާއްޞަ ޤައުމެއްކަމަށް ކަނޑައަޅައި ފާސްކުރި ނަސްލީ އިމްތިޔާޒުގެ ޤާނޫނުގެ ސަބަބުން އިސްރާއީލުގެ ރައްޔިތުންގެ ގޮތުގައި ހިމެނޭ ފަލަސްތީނު ދަރިކޮޅުގެ މީހުންނާއި އިސްރާއީލުގެ ރައްޔިތުންގެ ގޮތުގައި ދިރިއުޅޭ ދުރޫޒުން ފަދަ ބައުމަދު ޖަމާއަތްތަކުގެ ރައްވެހިކަން ގެއްލި ދާނެކަމުގެ ބިރު އެފަރާތްތަކުން އިޙްސާސްކުރެއެވެ.
އެ ޤާނޫނުގެ މައިގަނޑު ބޭނުމަކީ ފަލަސްތީނުގެ ރެފިއުޖީންނަށް އެނބުރި އެ މީހުންގެ ވަޒަނަށް ރުޖޫއަވުމުގެ ފުރުޞަތު ގެއްލުވާލުން ކަމަށް ފަލަސްތީނުން ވަނީ ބުނެފައެވެ.