ޚަބަރު

ދެ ކޮރެޔާގެ ސަރަހައްދީ ރޮނގުގައި ވަޅުލާފައިވާ މައިންތައް ނެގުމުގެ މަސައްކަތް ކުރިއަށް


ދެ ކޮރެޔާގެ ސަރަހައްދީ ރޮނގުގައި ވަޅުލާފައިވާ މައިންތައް ނެގުމުގެ މަސައްކަތް ކުރަމުން ގެންދާކަން ދެކުނު ކޮރެޔާއިން ހާމަކޮށްފިއެވެ. މިއީ ދެ ކޮރެޔާގެ ސިފައިން ގުޅިގެން ކުރަމުންގެންދާ ކަމެއްކަމަށާއި، މިކަން 20 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާނެކަމަށް، ދެކުނު ކޮރެޔާގެ ދިފާއީ ވުޒާރާއިން މަޢުލޫމާތުދެއެވެ.

އުތުރުކޮރެޔާގެ ޒައީމު ކިމް ޖޮންގް އުން އާއި ދެކުނު ކޮރެޔާގެ ރައީސް މޫން ޖެ އިން މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ޕިޔޮންގްޔެންގައި ބޭއްވި ސަމިޓް ބައްދަލުވުމުގައި އެ ދެ ބޭފުޅުން ވަނީ، ދެކޮރެޔާގެ ދެމެދުގައި އޮތް ޒަމާންވީ ހަނގުރާމައިގެ ހާލަތު ނިމުމަކަށް ގެނެސް، ދެ ކޮރެޔާގެ ދެމެދުގައި ސުލްހަ ޤާއިމުކުރިކަން ރަސްމީ ސިފައެއްގައި އިޢުލާން ކުރައްވާފައެވެ.

ދެ ކޮރެޔާގެ ސަރަހައްދީ ރޮނގު އެތައް ސަތޭކަ ކިލޯމީޓަރަށް ދިގުދެމިގެންގޮސްފައިވާއިރު، 1950ގެ އަހަރުތަކުގައި ކުރިއަށްގެންދިޔަ ކޮރެއާ ހަނގުރާމައިގައި، އެ ސަރަހައްދުގައި އެތައް ހާސް މައިނެއް ވަޅުލާފައިވެއެވެ.

ދެ ކޮރެޔާގެ ސަރަހައްދީ ރޮނގުގައި ހަތިޔާރު ގެންގުޅުން މަނާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 250 ކިލޯމީޓަރުގެ ސަރަހަދެކެވެ. ހަތިޔާރު ގެންގުޅުން މަނާ ސަރަހައްދުގައި އދގެ އަމަން ބަލަހައްޓާ ފައުޖެއްވެސް ރުކުރުވާލާފައިވެއެވެ.